ވިސާއާ ނުލައި ދިވެހީންނަށް ޖަޕާނަށް ދެވޭ ގޮތް ހަދަން މަޝްވަރާތައް ފަށައިފިއެވެ.

އެ މަޝްވަރާތައް ކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާއާއެކު ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންއެވެ.

އަދި މިއަދު ކުރި މަޝްވަރާތަކަކީ ވިސާ މާފްކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ފެށުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއިން މަޝްވަރާކުރަމުން ދަނީ ޖަޕާނަށްދާ ދިވެހީންނަށް 90 ދުވަހު ވިސާއާ ނުލައި ތިބެވޭ ގޮތް ހަދަންށެވެ.

މިއަދު ބޭއްވި ބައްދަލުމުގައި ވަނީ މިހާރުވެސް ދެމުން ގެންދާ ޖަޕަނީސް ޕްރޮޖެކްޓް ފޯ ހިއުމަން ޑިވޮލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) މި އަހަރު ވެސް ރާއްޖޭގެ މީހުން ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް 2020އިން ފެށިގެން ދެމުންގެންދާ ޖޭޑީއެސް ސްކޮލާޝިޕް މި އަހަރުވެސް ހަ ބޭފުޅަކަށް ދޭނެއެވެ.

ޖަޕާން ފޮރިން މިނިސްޓަރުގެ ދަތުރާއިއެކު ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ ކަމަށް ޖަޕާންގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެކެވެ. މާލެ ވަށައި ލާފައި އޮތް ތޮއްޓާއި، އަދި ވަރަށް ގިނަ ރަށްރަށުގައި ސްކޫލްތައް އަޅައި ދިނުމާއި އަދި ސުނާމީގެ ސަބަބުން ރާއްޖެ އަށް ލިބުނު ގެއްލުންތަކުން އަރައި ގަތުމުގައި ވެސް ޖަޕާންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ.

މާލެ ވަށައި ޖަޕާނުން އަޅައި ދީފައި އޮތް ތޮށި މަރާމާތު ކުރުމުގެ މަޝްރޫއެއް މިހާރު ވެސް އިއުލާން ކޮށްފައި އެބައޮތެވެ. އެކަމާއި ގުޅޭ ދިރާސާތައް ކުރުން މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާނި

    އެހެންނަ ދިވެހިން މިއުޅެނީ ޖަޕާނަށް ނުދެވިގެންވިއްޔާ،
    ދިވެހިން ބޭނުންވާ އެއްކަމެއްވެސް ނުކޮށް ދިވެހިންބޭނުންނުވާ ހުރިހާކަމެއް އެބަކުރޭ،