ހއ. ހދ. އަދި ށ. އަތޮޅުގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫއުން "ސަރަހައްދީ ދަނޑުވެރި-ވިޔަފާރީގެ މައުރަޒު"ގެ ނަމުގައި ހދ. ހަނިމާދޫގައި ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން މައުރަޒެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ކުރިއަށްދިޔަ އެ މައުރަޒު ހުޅުއްވާދެއްވީ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
މިނިސްޓްރީއިން ބުނީ އެ މައުރަޒުގެ މަގްސަދަކީ ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން އުފެއްދުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އެ މައުރަޒު ހުޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުޑަބިންކޮޅަކުން އެންމެ އެދެވޭ ނަފާއެއް ނެރެވޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަން ކުރުން މުހިންމު ކަމަށެވެ.
"ދަނޑުވެރި އުފެއްދުންތައް ގަނެ ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދަނޑުވެރިންނާއި ދެމެދު ވިޔަފާރީގެ ގުޅުންތައް އުފައްދާ، ތަކެތި ގަންނަ ފަރާތްތަކުން ބޭނުންވާ ބާވަތްތައް، ބޭނުންވާ ފެންވަރުގައި އުފައްދާ ބާޒާރަށް ނެރެމުން މުހިންމު." މިނިސްޓަރު ވިދާޅުވިއެވެ.
އެ މައުރަޒުގައި ބައިވެރިވުމަށް ހއ. ހދ. އަދި ށ. އަތޮޅުގެ 26 ރަށަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދައުވަތު ދިން ކަމަށާއި ދައުވަތު ގަބޫލު ކޮށް ޖުމްލަ 20 ރަށަކުން އެ މައުރަޒުގައި ބައިވެރިވި ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ކޮންމެ ރަށަކަށް އެ މައުރަޒުގައި ސްޓޯލެއް ކަނޑައެޅި ކަމަށާއި ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށްވެސް އެ މައުރަޒުގައި ސްޓޯލްތަކެއް ހާއްސަކުރި ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ މައުރަޒުގައި ހަނިމާދޫ އެގްރިކަލްޗާ ސެންޓަރު އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ބޭއްވިއެވެ.
މައުރަޒުގައި ބައިވެރިވި 4 ރަށަކުން ވަނީ ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ކަމަށާއި އެ މައުރަޒުގެ ސަބަބުން ދަނޑުވެރިންނާއި ގަސްކާނާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނު ވިއްކާ ފަރާތްތައް އެއްބަޔަކު އަނެއް ބަޔަކަށް އަހުލުވެރިވެ، ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކުން ބޭނުންވާ ކަންކަން، ނުވަތަ އުފެއްދުންތަކާއިމެދު ދެކޭ ގޮތް ދަނޑުވެރިންނަށް އެނގިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.