އަމިއްލަ ފަރާތްތަކުން ކަނދުފަތި އަޅައިފިނަމަ 5،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް މަސްވެރިކަމުގެ އާއްމު ގަވާއިދު އިސްލާހުކޮށްފިއެވެ.

މަސްވެރިކަމުގެ އާންމު ގަވައިދަށް ގެނެވުނު އިސްލާހުގައި ބުނާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ފަރާތަކުން އޮޔާދާ ކަނދުފަތި ދޫކުރުމަކީ ނުވަތަ އެޅުމަކީ މަނާކަމެކެވެ. އަދި އެގޮތަށް އަމިއްލައަށް ކަނދުފަތި އަޅާނަމަ 5،000ރ. އިން ޖޫރިމަނާއެއް ކުރެވޭނެއެވެ.

މީގެއިތުރުން ކަނދުފަތި އެޅޭނީ ހަމައެކަނި ފިޝަރީޒް މިނިސްޓްރީއަށް ކަމަށް މިއިސްލާހުގައި ބުނެފައިވެއެވެ. މިނިސްޓްރީގެ ފަރާތުން ގާއިމު ކުރަމުން ދަނީ އޮއިވާލި މަސްކަނދުފައްޗާއި ވަދު ކަނދުފައްޗެވެ.

މަސްވެރިކަމުގެ އާއްމު ގަވާއިދުގައި "އޮއިވާލި ކަނދުފަތި" މާނަ ކޮށްފައި ވަނީ، އެއް ސަރަހައްދަކަށް މަސް ޖަމާކުރުމުގެ ނުވަތަ އަވަލެއްވުމުގެ މަގުސަދުގައި ކަނޑުގައި ނަގިލި ލައިގެން ފެންމަތީގައި އޮޔާ ދެމޭގޮތަށް ހަރުކުރާ ބޮޔަށް ނުވަތަ އެފަދަ އެހެން އެއްޗަކަށާއި އެ ބޮއި ނުވަތަ އެއްޗަކާއި ގުޅިފައިވާ ބައިތަކަށެވެ.

މި ގަވާއިދުގައި "އޮޔާދާ ކަނދުފަތި" ބަޔާންކޮށްފައި ވަނީ ކަނޑުގައި ނަގިލި ލައިގެން ހަރުކޮށްފައި ނުވާ، އެއް ސަރަހައްދަކަށް މަސް ޖަމާކުރުމުގެ ނުވަތަ އަވަލެއްވުމުގެ މަގުސަދުގައި ދޫކުރާ ބޮޔަށް ނުވަތަ އެފަދަ އެހެން އެއްޗަކަށާއި އެ ބޮއި ނުވަތަ އެހެން އެއްޗަކާ ގުޅިފައިވާ ބައިތަކަށެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.