އައިލެންޑް އޭވިއޭޝަންއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން މޯލްޑިވިއަންގެ ބޯޓުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕްރޮގްރެވިސް ކޯލިޝަންގެ މާވަށު ދާާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުން ނެވެ. މައްސަލަ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 33 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަނެ ބަހުސްކުރަން ފާހެއް ނުވި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ މޯލްޑިވިއަން ހިންހާ އައިލެންޑް އޭވިއޭޝަންގެ ހާލަތު ބޮއްސުންލައި ކުންފުނީގެ ހާލަތު މިއިން ޒަމާނަކުވެސް ދަށަށް ނުދާހާ ދަށަށް ގޮސް ބަނގުރޫޓް ވުމާއި ހިސާބަށް ގޮސްފައިވާ ކަމަށެވެ.

2020 ވަނަ އަަހަރު 400 މިލިއަން އަދި މިދިޔަ އަހަރު 159 މިލިއަން ރުފިޔާ ގެއްލުންވެ މިހާރުވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީވެސް ބޮޑު އަދަދުން ލޯނު ނަގައިގެން ކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ފަހަކަށް އައިސް މޯލްޑިވިއަންގެ ބޯޓުތަކުން ޓެކްނިކަލް މައްސަލަތައް ކުރިމަތިވެ މަތިންދާބޯޓުގެ ޓަޔަރުތައް ވެސް ބަދަލުކުރަން ޖެހޭ މުއްދަތަށް ބަދަލުނުކޮށް ބައެއް ބޯޓުތަކަށް ސްޕެއާ ނުލިބި ގްރައުންޑް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން މޯލްޑިވިއަންގެ މަތިންދާބޯޓުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެއްޓުމުގެ ގޮތުން އަދި ދަތުރުކުރާ ފަރާތްތަކުގެ ސަލަމަތާއި ރައްކާާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލުމަށް މައްސަލަ ހުށަހެޅުއްވީ ކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަ

    ހާދިސާއެއް ދިމާވުމުން 33 މެމްބަރުން ޒިންމާވާނެ ދޯ؟ ސައީދު އެއް ކަމަކު އަދި ކޮންމެ މީހެއްކަމަކު، އެ ހުށަހެޅީ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި މައްސަލައެއް. އެކަން ބަލާ ނުލައި ދޫކޮށްލީ ކަމެއް ދިމާވީމަ ދެން ބަލަން ތޯ ސުވާލު އުފެދޭ. މަޖްލީހަކީ ވަކި ބަޔަކަށް މަންފާ ވާ ގޮތައް ހިންގާ ކުންފުންޏެއް ބާވައޭ ވެސް ހިތައް އަރާ

    5
    1