ފްލޯޓިން ސިޓީ މައްސަލައިގާ މިއަދު އަނެއްކާވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕު ވަނީ ހޫނުވެފައެވެ. އެންމެ ފުރަތަމަ ގުރޫޕު ހޫނުވެފައިވަނީ އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި)، ސަރުކާރުން ފްލޯޓިން ސިޓީގެ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

މާލޭގެ އުތުރުން އޮންނަ ފަޅެއްގައި ކުރިޔަށް ގެންދާ ފްލޯޓިން ސިޓީ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ލޯންޗް ކުރީ މިދިޔަ އަހަރުގެ މާޗް 14 ވަނަ ދުވަހުއެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެ މަޝްރޫއު ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ އެ މަޝްރޫއުގައި އެމަނިކުފާނުގެ ނަން ހިމެނޭތީ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި އެ މަޝްރޫއު ހުއްޓުވާފައިވަނީ ސަރުކާރުގެ އިކޮނަމިކް ކައުންސިލުން ކަމަށާއި އެ މަޝްރޫއު ހުއްޓުވަން ނެގި ވޯޓުގައި ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Floating City
ފްލޯޓިން ސިޓީ ހުންނާނެ ގޮތުގެ ކުރެހުމެއް

"ގަބޫލުކުރެވެނީ އަޅުގަނޑުގެ ނަން ހިމެނޭ ޕްރޮޖެކްޓެއް ކަމުން ކުރިއަށް ނުގެންދަވަނީ. އަޅުގަނޑު މިހާރު ގަސްތުކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. ފްލޯޓިން ސިޓީގެ ގެތައް އެޅުމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ނަޝީދުގެ ތުހުމަތުތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި އެޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެކުންފުންޏަށް ސަރުކާރުން ދޫކުރި ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ.

އަދި އެކުންފުނިން އިކޮނަމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސްނުވީ މުޅި މަޝްރޫއުގައި އޮޅުވާލުން އޮތުމުން ކަމަށާއި އެ ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެ ކުންފުންޏަށް ދޫކުރި ފަޅުގައި ރިސޯޓް ތަަރައްގީކޮށް، ނުވަތަ އާއްމުކޮށްފައިވާ ކޮންސެޕްޓާ އެއްގޮތަށް ގެތައް ނިންމަފާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕްރޮޕޯސަލް ހުއްޓުވަން އަޅުގަނޑު ބޭނުންވި، އެއީ ބޮޑު އޮޅުވާލުމެއް. މިހާރު ވެސް ސަރުކާރުން ދިން ތިން ފަޅު ވިއްކާލައިފި" ފައްޔާޒު ވިދާޅުވިއެވެ.

ހަމައެހެންމެ، އެ ފަޅުގައި އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ މީހުން މަސައްކަތް ކުރަމުން ދަނީ އެ ފަޅުތައް ވެސް ވިއްކާލައިގެން ބޮޑު ފައިދާއެއް ނަގަން ކަމަށް އޭނާ ވިދާޅުވިއެވެ. ރިސޯޓެއްގެ ފަޅުތެރޭގައި ވަކި ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަން ކުރެވޭނީ ވެސް ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ.

"އެމީހުން ހުށަހެޅި ކަންކަމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަންކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

ބަހުސް ހޫނުވެފައިވަނިކޮށް ގައުމީ މަޖިލީސް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ރައީސް ނަޝީދު ކުރައްވާ ކަންކަމަށް ބޭނެން ނޫޅެ، ކޮންމެވެސް އާ ކަމެއް ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.

މިގޮތުން ސަރުކާރުގެ އިކޮނަމިކް ކައުންސިލުން އުޅެނީ މި މަޝްރޫއު އިންޓަރގްރޭޓެޑް ޓޫރިޒަމަށް ބަދަލުކުރަން ކަމަށާއި އެހެން ވެއްޖެނަމަ ސޯޝަލް ހައުންސިން ބޯހިޔާ ވަހިކަމަށް ޝަރުތު ހަމަވާ މީހުންނަށް ފުލޯޓިން ސިޓީން ލިބިފައިވާ ހައްގުތައް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފުލޯޓިން ސިޓީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ބަދަލުވެ ސަރުކާރު ކުންފުނި އެމްއަޓީޑީސީ ގެ ދަށަށް ފުލޯޓިން ސިޓީ ބަދަލުވެ، ހަމައެކަނި ޓޫރިޒަމް ވިޔަފާރިއަކަށް ފްލޯޓިން ސިޓީ ބަދަލުވާނެ ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.

"އިކޮނޮމިކް ކައުންސިލުން މިގޮތަށް ނިންމައިފިނަމަ ސޯޝަލް ހައުސިން ފުލޯޓިން ސިޓީ ގެ އުންމީދު ރައްޔިތުންނަށް ގެއްލި އާބާދީ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ. ފުލޯޓިން ސިޓީ އަކީ ކުދި ޖަޒީރާ ގައުމުތަކުގެ ބޯހިޔާ ވަހިކަމުގެ ދާއިމީ ހައްލު." ބޮންޑޭ ވިދާޅުވިއެވެ.

ހަމައެހެންމެ އޭނާ ވަނީ ރައީސް ނަޝީދު ކޮންމެ ކަމެއް ކުރައްވަން އުޅުއްވާއިރަށް އެކަމެއް ކޮންމެވެސް ބަޔަކު ފޭރިގަންނަ ކަމަށެވެ.

"އަންނި ކުރާ ކަންކަމުގެ ތެރެއަށް ނުބޭނި، ކޮންމެވެސް އާ ކަމެއް ކަލޭމެން ވެސް ކޮށްބަލަ" އެމްޑީޕީގެ އާ ޗެއާޕާސަން ފައްޔާޒަށް ނިސްބަތް ކުރައްވާ ބޮންޑޭ ގައުމީ މަޖިލީސް ގުރޫޕުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖާބިރު

    1 ޑޮލަރ ޕްލީޒް ބޮންޑޭ ކޮބާ ކަލޭގެ ލަދު.

    12
  2. ވާނުވާ

    މިކަހަލަ އަނގަ މޯލުން އުޅެންޏާ މިގައުމުގަ އެއްކަމެއް ވެސް ނުކުރެވޭނެ މި ނާތަހުޒީބު ބޯދާ ބައިގަނޑު ރައްޔިތަކަށް މިހާރަކު ހެޔޮއެދޭނެކަމަ ކަށް ގަބޫލެއް ނުކުރެވޭ އަންނި އަށް މޮޅުކަމުން ކުރެވުނު ކަމަކީ ވެރިކަން ކުރަން ނޭގިގެން އިސްތިއުފާ ދިނުން ކަލޭކިތަންމެ ރުޅިއަޔަސް ރާއްޖޭގެ ރައީސް ވެސް އަދި މިނިސްޓަރ އެއްވެސް އިސްތިއުފާދިފަ ނުދާނެ އެކަމަށް ބޭނެނެ އައްވެސް މީހަކު މިސަރުކާރަކުނެއްމިހަރު އިނގޭނެ ބޭނޭމީހުން

  3. ކޮރަލް

    ބޮންޑޭ ޗާންދަނީ މަގުން ކިޔަވާފަ ހުރި މީހެކެވެ. ބަހުރުވަ ވެސް ހުންނާނީ އެހެން ނެވެ.

    • ކަތްދަ

      މީނަމީ އަންނިގެ ތަރުޖަމާނުތަ އަޅެފަހެ
      ޗާނދަނީ މަގުން ކިޔެވި ނަމަކަ އެހާ ގޮތެއް ފޮތެއް ނެތިގެން ލާ ނުހޫރޭނެ
      އެމަގުން ކިޔަވާ މީހުންގެ އަޚްލާޤީ ފެންވަރު އެހާ ދަށެއް ނުވާނެ.

  4. ބިންގޯ

    އަންނި ކުރާ ހުރިހާ ކަމަކަށްވެސް ބޭނެންވީ އެދެންކާކުތަ. ބޮންޑޭ އަށް މާމޮޅު މީހަކަށްވެގެން ކަލޭ އޭނަފަހަތުން އުޅެބަލަ.

  5. އިހުދު

    އިބޫއައް ވެރިކަން ކުރެވެންޏާ ބޮންޑޭއައް ވެރިކަން ނުކުރެވެންވީ ސަބަބެއްނެެއް.

  6. Rd

    4
    3٣و.ث٣٢
    ٢
    ٤ ٤ ٢ صد٦