ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފެށުމާއެކު އެއާޕޯޓުގައި ހޭދަކުރާ ވަގުތުތަކުގައި މާސްކު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެއާޕޯޓަށް އެކި ކަންކަމުގައި ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފާއިތުވި ދެއަހަރު ކޮވިޑްގެ ހާލަތު ގޯސްކޮށް އޮތުމަށް ފަހު ފައްސިވާ އަދަދު ދަށްވުމާ ގުޅިގެން އޭރުގެ ފިޔަވަޅުތަކަށް ލުއިދީފައި ވަނީ ފާއިތުވިި މާޗް މަހުގެ ތެރޭގައެވެ. ގިނަ ދުވަސްތަކެއް ވަންދެއް އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް މާޗް މަހުގެ ތެރޭގައި ވަނީ ނިމުމަކަށް ގެނެސްފައެވެ.

ނަމަވެސް މިހާރު ވޭދަނަތައް އިތުރުވަމުން އަންނާތީ އާންމު ފިޔަވަޅެއްގެ ގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓް، ފެރީ ޓާމިނަލްތައް، ދަތުރުފަތުރު ކުރާ ވަސީލަތްތައް (ފެރީތަކާއި ބަސް، ޓެކްސީ، މަތިންދާ ބޯޓު، ސީޕްލޭން) މިސްކިތް އަދި ބޭންކު ފަދަ ތަންތަނުގައި މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނަކީ ހައި ރިސްކް މީހުން ގިނަ ތަނަކަށްވުމާއެކު، ބަލި މީހުންނާއި ސްޓާފުންގެ ރައްޖާތެރިކަމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތް ކުރާ ބަލި މީހުންނާއި އެހީތެރިކަން އަބަދު ވެސް މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ، މާސްކު އަޅައި ގޭގައި އެކަހެރިވުން އަދި ވީއެންމެ އަވަހަކަށް ކޮވިޑް ޓެސްޓް ކުރުމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ ބަލި މީހުންނާއެކުދާ އެހީތެރިން މަދު ކުރުން އަދި މިތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށާއި އެނދުމަތި ކޮށްފައިވާ މީހުންނަށް ޒިޔާރަތް ކުރުން މަދު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.