އެއް ޖިއްސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތައް ބައެއް ދިވެހިން ކުރާތީ އެމީހުންނަށް އަދަބު ދޭން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި ހުށަހަޅަން ފުރުސަތު ނުދިނުމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކުރަން މަޖިލިހުގެ އިދިކޮޅު މެމްބަރުން މިއަދު ދެކޮޅު ހައްދަވައިފިއެވެ.

މިނިސްޓަރު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކުރީ ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތާ ގުޅޭ ގޮތުންނާއި ލ. ކުނަހަންދޫއާާ ލ. ހިތަދޫ ގުޅޭ ކޯޒްވޭގެ މަޝްރޫއާ ގުޅޭ ގޮތުން މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އަސްލަމް މަޖިލިހަށް ވެސް ހާޒިރުވެވަޑައިގެންނެވިއެވެ.

މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު ކުރައްވަން ހަމަޖެހިފައި އޮތް ދެ މެމްބަރުންނަށް ސުވާލު ކުރެއްވުމުގެ ފުރުސަތު ދެއްވައިފައެވެ. އެކަމަކު އެ ފުރުސަތުގެ މެމްބަރުން ނުހިފިއެވެ.

ނައިފަރު ދާއިރާާގެ މެމްބަރު އަހުމަދު ޝިޔާމްއާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދިނުމުން މިނިސްޓަރާ ސުވާލު ކުރަން ބޭނުން ނުވާ ކަމަށެވެ.

އެހެންވެ މިނިސްޓަރު އަސްލަމް ވަނީ މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގެންފައެވެ. މަޖިލިހުގެ ތަޅުމުގައި އަސްލަމް ހޭދަ ކުރައްވާފައި ވަނީ އެންމެ ދިހަ ވަރަކަށް މިނެޓެވެ.

ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދިނުމުން އިދިކޮޅުގެ މެމްބަރުން މަޖިލީހުގައި އަޑުގަދަކުރައްވަމުން ގެންދިއުމާ ގުޅިގެން މަޖިލިސް ކުޑަވަގުތުކޮޅަކަށް މެދުވެސް ކަނޑާލިއެވެ.

ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދިނީ ލީކުވި ފޮޓޯތަކާއި ވީޑިއޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ކަމަށާއި އަދި އެ މައްސަލަތައް އޮތީ ފުލުހުންނަށް ވެސް ހުށަހަޅާފައި އޮތުމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އަދި އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރުނުވެ އެއީ އަސްލުކަމަށް ބަލައި އެކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސްކުރުކަށް ޖާގަ ނުދެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝުހޫދު

    ލިވާތު ޕާޓީ..

  2. އަހުސަން

    އޭނަގެ ކޮއްކޮ ބައިވެރިވާ ކަމަށްވެފައްިވާތީ ކަމަށްވުން ކައިރި!

  3. އަޑަފި

    އަލީ ހަމީދުގެ ވީޑިއޯ އަކީ އަސްލޯ، ނާޒިން ވީޑިއޯ ފޭކޯ.