އދ. ފެންފުށީގައި ހުޅަނގު ތުނޑި ސަރަހައްދުގައި އުޅެނިކޮށް އެރި ރާޅާއެކު ޒުވާން ފިރިހެނަކު ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގިިއިރު، އެ ސަރަހައްދުގައި ހަތަރު ވަރަކަށް ޒުވާން ފިރިހެނަކު ތިބި ކަމަށް ވެއެވެ. އެ މީހުންނަކީ އެ ސަރަހައްދަށް ފޮޓޯ ނެގުމަށް ދިޔަ ބައެއް ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

މި ހާދިސާގައި އިތުރު ޒުވާނަކަށް އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ސަރަހައްދުން ދެ މީހަކު ގެއްލުނު ކަމަށާއި، އޭގެ ތެރެއިން އެކަކު ފެނިގެން އޭނާއަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ.

އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެރަށު ކައުންސިލް މެމްބަރު މުހައްމަދު މޫސާ "ވަގުތު"އަށް ވިދާޅުވީ، މަރުކަޒުގައި އޮތް ޒުވާނާ އިތުރު ފަރުވާއަށް ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މައުލޫމާތު ލިބިފައިވާގޮތުން އަދި އެއް ކުއްޖަކު އަދި ނުފެނޭ. ތުނޑީގައި ތިއްބާ އައި އުދަބާނިގަނޑުގެ ތެރޭގައި ޖެހުނު ކަމަށް ވަނީ، ޑިންގީތައް އެބަ އުޅޭ މިތާ ހޯދުމަށް". އޭނާ ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވިގޮތުގައި، އެއީ ފޮޓޯ ނަގަން ތުނޑި މައްޗަށް ދިޔަ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.