ރާއްޖެ މިހާރު ކުރަމުންދާ ވިއްސާރައިގައި އުދައެރުމުގެ ސަބަބުން މުޅި ރާއްޖެއިން 451 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ވިއްސާރައިގެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެންޑީއެމްއޭ އިން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް، އުދައެރުމުގެ ސަބަބުން 35 ރަށަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ރެއާއި މިއަދު ވެސް ބައެއް ރަށްތަކަށް އުދައަރާފައިވާއިރު ފާއިތުވި ދެ ދުވަހު އުދައެރި ވަރަށް އަރާފައި ނުވާ ކަމަށެވެ.

އުދައިގެ ސަބަބުން މިހާތަނަށް އެކި ރަށްރަށުން 451 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.

އެގޮތުން އުދައަރައިގެން ގެއަށް ގެއްލުން ވެގެން އައްޑޫ މަރަދޫ ފޭދު އާއި ތ. ތިމަރަފުށީގެ އެއް އާއިލާ ތިބީ ކައުންސިލްތަކުން ހަމަޖައްސައިދިން ވަގުތީ ހިޔާތަކުގައި ކަމަށް އެތަނުން ބުންޏެވެ.

އަދި ގދ. މަޑަވެލީގެ ހަތަރު އާއިލާއަކަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެފައި ވެއެވެ.

ރެއާއި މިއަދު މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ ބައެއް ރަށްތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށާއި ރާއްޖޭގެ އުތުރުން، ހއ. ބާރަށް، ށ. ފޮއްދޫ، ށ. ފުނަދޫ، ށ. ބިލެތްފަހި އަދި ނ. މާޅެންދު އަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެތަނުން ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެކުނުގެ ގިނަ ރަށްރަށަށް އުދައިގެ އަސަރުކޮށް، ތިން ރަށަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އައްޑޫ މަރަދޫ، މަރަދޫ ފޭދޫ އަދި ގދ. މަޑަވެއްޔަށް ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

އެ އިދާރާއިން ބުނެފައިވަނީ އުދައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކައުންސިލްތަކާއި ފުލުހުން އަދި ސިފައިން ގުޅިގެން ކުރަމުންދާ ކަމަށެވެ.