ވިއްސާރައިގައި އެކި ހިސާބުތަކަށް އެކި ވަރުވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ނެރުނު ރިޕޯޓަށް ބަލާއިރު، ހދ. ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް އުދައިގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

ށ.ކޮމަންޑޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ އެއް ގެއަކަށް ގެއްލުން ލިބިފައިވެއެވެ.

ބ. އަތޮޅު މާޅޮހުގައި ތިން ގެއަކަށް ގެއްލުންވެ، ގިނަ އަދަދެއްގެ ގަސްތައް ވެއްޓިފައިވާކަމަށް އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ޅ. ނައިފަރުގައި ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެއް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ބުނެފައިވެއެވެ.

ހއ. އިހަވަންދޫގައި ގަދަ ވައިގެ ސަބަބުން އެއް ގެއެއްގެ ފުރާޅަށް ގެއްލުންވުމުގެ އިތުރަށް އެއް ގެއެއްގެ ފާރެއްގެ މައްޗަށް ގަހެއް ވެއްޓި ގެއްލުން ލިބިފައިވެއެވެ. ކ.ތުލުސްދޫ، މާފުށި، އަދި ދިއްފުށްޓަށް ވައިގަދަވެ ބައެއް ރުއްގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ.

ކ. ހުރާގައި އެއް ގެއެއްގެ ފުރާޅުން ބައެއް އެއްލާލާ ގެއްލުން ލިބިފައިވެއެވެ. އަދި ފ. ފީއަލީގައި ވައިގަދަވުމުގެ ސަބަބުން އެއް ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުން ލިބިފައިވެއެވެ.

އއ. ފެރިދޫގައި މީހުން ދިރިއުޅޭ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅުނު ފަރާތަށް ފެރިދޫ ކައުންސިލުގެ އެހީތެރިކަމާއިއެކު ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.