ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

އެންޑީއެމްއޭއިން ބުނީ ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލަށް އެ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ހަމައެއާއެކު، ފެން ބޮޑުވާ ސަރަހައްދުތަކުގައި ޖެހުމަށް ބޭނުންވާ ގޯނި މާލެ ސިޓީ ކައުންސިލަށް ފޯރުކޮށްދެވިފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

 

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވުމާއި ބައެއް ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިގެން ތިން ގެއަކުން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ގެތަކުގެ ހާލަތު ބަލާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާލެ އަށް ބޯކޮށް ވާރޭ ވެހިފައި ވަނީ މިއަދު ހެނދުނު ހައެއްގެ ފަހުންނެވެ. އަދި ވާރޭ ހުއްޓީ އޭގެ ގަޑިއިރެއްހާއިރު ފަހުންނެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާފަންނުގައި ފެން ބޮޑުވެ ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ވަނީ ފެން ވަދެފައެވެ. އަދި ހެންވޭރު ކަލާފާނު ސްކޫލް ސަރަހައްދުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އެންޑީއެމްއޭއިން ފެންބޮޑުވުމުން ދިމާވި ގެއްލުންތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއެންޑީއެފްއިން ވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 8:30 އިން ފެށިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި (ވެސްޓްޕާރކް، އައިޖީއެމްއެޗް، ދިރާގު ހެޑް އޮފީސް އަދި އެކުވެނި) ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ވާރޭވެހުން މާލޭގައި ފެންބޮޑުވާ މައްސަލަ ވަރަށް ގިނައިން ދިމާވެއެވެ. ހާއްސަކޮށް މާފަންނުގައި ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. އެއީ މާލޭގެ އެންމެ އަޑި ސަރަހައްދަކީ އެއީ ކަމުގައިވާތީއެވެ.

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓާ ސިސްޓަމެއް ވަނީ މާލޭގައި ގާއިމް ކޮށްފައެވެ.