މާލެ ސިޓީގައި ކެމްޕެއިން ޖަލްސާތައް ބޭއްވުމަށްޓަކައި ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ފަރާތްތަކަށް ދިނުމަށްޓަކައި މަޝްވަރާކުރެވި ކައުންސިލުން ހުއްދަތައް ދެމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮތީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މީގެ ކުރިންވެސް އިންތިހާބު ބާއްވާ ދުވަހާއި ކައިރިކޮށް، އާއްމުކޮށް ބޮޑެތި ޖަލްސާތައް ބާއްވައެވެ. އާއްމުކޮށް މިގޮތަށް ޖަލްސާތައް އާއްމުކޮށް ބާއްވަނީ ކާނިވަލު ސަރަހައްދުގައެވެ.

އަދި އެ ޖަލްސާތައް ބޭއްވުމަށް ދުރާލާ ކައުންސިލްގެ ހުއްދަ ހޯދައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުއްދައަށް އެދިފައިވާ ސިޓީތަކަށް ޖަވާބު ދިނުމަށް ވަގުތު ނަގާފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށް މާލެސިޓީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ސަރަހައްދުތައް ބޭނުންވެގެން އެދިފައިވާތީ ކަމަށެވެ.

"ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ފަރާތްތަކަށް ދިނުމަށްޓަކައި މަޝްވަރާ ކުރެވި ކައުންސިލުން މިހާރު ވެސް ދަނީ މިފަދަ ހުއްދަތައް ދެމުން.".