ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާތީ މާލެ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރުން ފަސްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކުރިން މި ބައްދަލުވުން ބާއްވަން ނިންމީ މި މަހުގެ 31 ވަަނަ ދުވަހެވެ.

ގާނޫނީ އިޖްރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ކައުންސިލުން ނިންމިނަމަވެސް މިއަދު ކުރި އިއުލާނެއްގައި ކައުންސިލުން ބުނީ މި ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށެވެ.

ކައުންސިލްގެ އިޢުލާނުގައި ބުނީ ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާތީ، ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީ، ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން ބައްދަލުވުން ފަސް ކުރެވިފައިވާ ކަމަށެވެ.

މި އަހަރުގެ ދެ ވަނަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކައުންސިލް ގެ މަގްސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ޑރ. މުޢިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.