ރިޔާސީ އިންތިހާބާ ދިމާކޮށް، މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގައި ކެމްޕޭން ބެނާތައް ދަމާތީ އެކަން ނުކުރުމަށް މާލޭ ސިޓީ ކައުންސިލްއިން އަންގައިފިއެވެ.

އެ ކައުންސިލްއުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެމްޕޭން ބެނާތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވައު ޖަހައި، ދަމަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހަމަ އެހެންމެ ބައެއް ޕާރޓީތަކުން މިހާރުވެސް ބެނާތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން މި ރުއްތަކަށް ގެއްލުން ލިބެމުންދާކަން ސިޓީ ކައުންސިލްއިން ފާހަގަ ކުރިއެވެ.

އެހެންވެ ކެމްޕެއިންގެ އެއްވެސް ބެނާ އެއް ނުވަތަ ދިދަ ފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށް ކައުންސިލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަ އެހެންމެ އޮންނަ އުޞޫލުގެ ތެރެއިން ހުއްދަ ނަންގަވައިގެން ހޮޅިދަނޑީގައި ބެނަރ އަދި ދިދަފަތި ދެމުމަށް ވެސް ކައުންސިލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޮޑު ތަކުރުފާނު މަގުގައި ގިނަ އަދަދަކަށް ކަދުރު ރުއްތައް އިންދާފައިވާއިރު، މިއީ މާލޭގައި "އެއްލައްކަ ގަސް" އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މާލޭގައި "އެއްލައްކަ ގަސް" އިންދުމުގެ މަޝްރޫއަކީ މާލެ އަކީ ފެހި އަދި ހިތްފަސޭހަތަނަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ގަސްތަކާއި ރުއް އިންދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށައިފައެވެ.