މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީގެ ގޮތުގައި ޖުމްލަ 1,125940.6 ރުފިޔާ ފޯރުކޮށްދީފައިވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މި އަހަރުގެ މިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކުގައި އަށް ރަށަކުން އަށް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީގެ ގޮތުގައި އެފަރާތްތަކަށް ޖުމްލަ 1,125940.6 ރުފިޔާ އެ އޮތޯރިޓީން ވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އެހީ ފޯރުކޮށްދިން ރަށްތަކަކީ:

ރ. އުނގޫފާރު - 86630 ރުފިޔާ

ސ. ފޭދޫ - 179400 ރުފިޔާ

ހދ. މަކުނުދޫ - 160441.6 ރުފިޔާ

ހދ. ނެއްލައިދޫ - 35655 ރުފިޔާ

ސ. ހިތަދޫ - 191640 ރުފިޔާ

ހއ. ފިއްލަދޫ - 227872 ރުފިޔާ

ގދ. ގައްދޫ - 81281.6 ރުފިޔާ

އއ. ތޮއްޑޫ - 163020 ރުފިޔާ

އެންޑީއެމްއޭއިން ބުނީ އެ ހާދިސާތަކުގައި 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، އަންނައުނާއި، ކައްކައި ކެވޭނެ އިންތިޒާމް ހަމަޖައްސައިދެވުނު ކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރަށް ބަލާ އިރު އަލިފާނުގެ ހާދިސާތަކުގައި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓް ކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން 2019 ގައި 14 ހާދިސާ، 2020 ގައި އަށް ހާދިސާ، 2021 ގައި 16 ހާދިސާ، 2022 ގައި 65 ހާދިސާ އަދި 2023 ގެ ޖޫން މަހާއި ހަމަޔަށް 31 ހާދިސާ ވަނީ ރިޕޯޓްކޮށްފައެވެ.

އެންޑީއެމްއޭއިން ބުނީ ވޭދުވެދިޔަ ފަސް އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް "ކާރިސާތަކުގައި އެހީ ދިނުމުގައި ގެންގުޅޭ މިންގަނޑު" ދަށުން 19,023,144.29 ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާތައް ހިނގައިގެން އަތޮޅު ތެރެއިން ރިޕޯޓް ކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، ގޭސް އަދި ކަރަންޓު ބޭނުން ކުރުމުގައި ރައްކާތެރިވުމާއި، ގޯތި ގެދޮރާއި އަގު ބޮޑު މުދަލުގެ އިތުރުން ވިޔަފާރިތައް އިންޝުއަރެންސް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.