މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ހިނގި ކާރިސާތަކުގައި ގެއްލުންވި ފަރާތްތަކަށް އެހީގެ ގޮތުގައި ޖުމްލަ 531،370 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކޮށް 11 ރަށަކުން 163 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން ގިނަ ފޯމް ލިބިފައި ވަނީ އައްޑޫ ސިޓީގެ ރަށްތަކުންނެވެ. އެއީ 125 ފޯމެވެ.

ގެއްލުން ބަޔާންކޮށް ފޯމު ހުށަހަޅާފައިވާ ރަށްތަކުގެ އަދާ ހަމައަށް ބަލާއިރު އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އެ ސިޠޓީގެ ފޭދޫއިންނެވެ. އެއީ 104 ފޯމެވެ. ހއ. ތުރާކުނާއި ގދ. މަޑަވެލިން 13 ފޯމު ހުށަހަޅާފައިވާއިރު އައްޑޫ ހިތަދޫން ވަނީ 12 ފޯމު ހުށަހަޅާފައެވެ.

ޑިޒާސްޓާ މެނޭޖްމަންޓްއިން ބުނިގޮތުގައި ކާރިސާތަކުގައި އެހީދިނުމުގެ މިންގަނޑުގެ ދަށުން ޝަރުތުހަމަވާ ހަ ރަށެއްގެ 116 ގެއަށް އެހީގެ ގޮތުގައި 531،370 ރުފިޔާ ދިނުމަށް އެ އޮތޯރިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެހީގެ ފައިސާ ދިނުމަށް ހަމަޖެހިވަނީ:

  • ސ. ފޭދޫ - 402،102 ރުފިޔާ
  • ގދ. މަޑަވެލި - 57،949 ރުފިޔާ
  • ސ. ހިތަދޫ - 42،225 ރުފިޔާ
  • ސ. މަރަދޫ - 19،590 ރުފިޔާ
  • ސ. ހުޅުދޫ - 8،460 ރުފިޔާ
  • ސ. މީދޫ - 1،044 ރުފިޔާ

އެންޑީއެމްއޭ އިން ބުނީ އެހީގެ ގޮތުގައި ދެވޭ ޖުމްލަ ފައިސާގެ ތެރެއިން 61 އިންސައްތަ އެހީ އަކީ ސްޓްރަކްޗަރަލް ގެއްލުންތަކަށް ދެވުނު އެހީ ކަމަށެވެ. އަދި ބާކީ 39 އިންސައްތަ އަކީ ގޭގައި ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ދެވުނު އެހީ ކަމަށްވެސް ބުންޏެވެ.