ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި މަރާލާފައިވާ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17ގެ ހިތުގެ މައި ލޭހޮޅި އޮތީ ކަނޑައިގެން ގޮސްފައިކަން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެރޭ ހިންގި މާރާމާރީގައި އެ ރަށަށް އުފަން އަހުމަދު އުދައްޔު 17، މަރާލި މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދާއި ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށާއި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖާއާ ދެކޮޅަށެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައިގެ ޕޯސްޓް މޯޓަމް ރިޕޯޓާއި ގުޅިގެން ހެކިބަސް ނަގާފައެވެ.

ހެކިވެރިޔާ މިއަދު ވަނީ އުދައްޔުގެ ހަށިގަނޑުން ފެންނާން ހުރި ޒަހަމްތަކުގެ ތަފްސީލުތައް ޝަރީއަތާއި ހިއްސާ ކުރައްވާފައެވެ. މިގޮތުން ފުރާނައަށް ނުރައްކާވާ ގޮތަށް ހުރި އެންމެ ބޮޑު ޒަޚަމަކީ ހަށިގަނޑުގެ ފުރަގަހުން މެޔާއި ދިމާއަށް ލިބިފައިވާ ޒަހަމެއްކަން އޭނާ ފާހަގަ ކުރިއެވެ.

އެ ޒަހަމްގެ ސަބަބުން ހިތުގެ މައިނާރުގެ ތިރިން އޮންނަ މައި ލޭހޮޅި ވަނީ ކަނޑައިގެން ގޮސްފައެވެ. އެހެންވެ، އުދައްޔުގެ ފުއްޕާމެއަށް ގިނަ އަދަދެއްގެ ލޭ ވަނީ އެޅިފައެވެ. އެ ޒަހަމް ގޮސްފައިވަނީ މޭ ކަށިތަކުގެ ތެރެއިން ކަމަށް ވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނުރައްކާތެރި ގިނަ ޒަހަމްތަކެއް އުދައްޔުއަށް ލިބިފައިވާއިރު، އޭނާ މަރާލުމުގައި ވަނީ ގިނަ ނުރައްކާތެރި ހަތިޔާރުތަކެއް ވެސް ބޭނުންކޮށްފައެވެ.

ބޮލުގައި ތޫނު ނޫން އެއްޗަކުން ޖެހުމުގެ ސަބަބުން ބޮލަށް ގެއްލުންވެފައިވާ ކަމަށާއި އެ އަނިޔާގެ ސަބަބުން ކަންފަތާ ދިމާލުން ބޮލުގެ ވާއަތް ފަޅީގެ އަރިމަތީ އިންނަ މަސްގަނޑަށް ލޭ ޖަމާވެ ލޭ ގަނޑުވެފައިވާ ކަމަށް ވެސް ހެކިވެރިޔާ މިއަދު ވިދާޅުވިއެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުދައްޔުގެ މަރުގެ މައްސަލައިގާ މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ނަގާފައިވަނީ ޕޯސްޓް މޯޓަމް ރިޕޯޓު ތައްޔާރު ކުރި ފަރާތުގެ އެކަންޏެވެ. މިއަދު ދެން ހާޒިރުކުރަން ހަމަޖެހިފައިވަނީ ޑޮކްޓަރެކެވެ. އެކަމަކު ކުއްލި ހާލަތެއް ދިމާވުމުގެ ސަބަބުން ޑޮކްޓަރަށް އަޑުއެހުމަށް ހާޒިރު ނުވެވޭ ކަމަށް މިއަދު ދައުލަތުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދެން ހިމެނޭ ދެ ޑޮކްޓަރުން ތިބީ ރާއްޖެއިން ބޭރުގައެވެ. އެހެންވެ، މިއަދު ނިންމާފައިވަނީ އެ ދެ މީހުންގެ ހެކިބަސް ނުނަގާ ޝަރީއަތް ކުރިޔަށް ގެންދިއުމަށެވެ.

މި މައްސަލައިގާ ދެން ޝަރީއަތެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނުގ

    ބަލަ. ކޯޓުން ބުނަނީ ނެޗްރަލް މަރެކޭ. އަނިޔާ ވެރިވީ ކިހިނެއް. ތިކުދިން ދޫކޮއްލާ. އޭރުންތާ އަނެއްކާ އެހެން މީހަކަށް ނެޗްރަލް މަރެއް ދެވޭނީ.

    10
    2