ގއ. މާމެންދޫގައި ހިންގި މާރާމާރީގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ކުޑަކުއްޖާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާވެސް ސާބިތުވާ ކަމަށް ޖުވެނަލް ކޯޓުން ކަނޑައަަޅައިފިއެވެ.

މާމެންދޫގައި 08 ފެބްރުވަރީ 2021 ދުވަހު ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި، އެއްބަނޑު ދެބެންނަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލިއެވެ. އޭގެ ތެރެއިން ނިޔާވީ ގއ.މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ. އޭނާ ނިޔާވީ ގއ. ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

މަރާލި ކުއްޖާގެ ހަށިގަނޑަށް ދަގަނޑާއި ވަޅިން ވަނީ ތަކުރާރުކޮށް ހަމަލާދީފައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ، އަހްމަދު ޝަފީއު ވިދާޅުވީ، އެ ކުއްޖާ މަރުވި މައްސަލައިގައި، ޢުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް މިއަދު ޖުވެނައިލް ކޯޓުން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އަދި ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމަށްވެސް ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެއީ އަޙްމަދު ޝަމީމްއާއި، ޝަރަފު ރަޝީދާއި، މުޙައްމަދު މާޒިންގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުުވާ ކޮށްފައެވެ. ޝަފީއު ވިދާޅުވީ، އެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާ ކަމަށެވެ. އަދި މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު

    މަސްތުވާތަކެތީގެ މައްސަލަ އެއްގައި ކަމައްވަނީ ހަމަލާދިނީ ތިއީސަރުކާރުގެ ނުކުޅުދުންތެރިކަން ސަރުކާރުން ވެސް ޒިއްމާ ވާންޖެހޭ ތިކަންކަމާ

    5
    4
  2. ހަތަރެސް

    ނެތް ފެންވަރުން ފުއްޕަން އުޅޭ މީހުން ފުނޑޭނެ އަބަދުވެސް….