އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއް ރަހީނުކޮށް އަނިޔާކުރުމަށް ފަހުގައި މަރާލާފާ ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮތް މައްސަލައިގާ މެރުމުގެ ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. އެއަށްފަހުގައި މަރާލާފާ ފޮށިގަނޑަކަށް ލާ އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހި ފަޅުތެރެއަށް އެއްލައިލާފައެވެ. އެ މައްސަލައިގާ ދައުލަތުން ވަނީ ދެ މީހެއްގެ މައްޗަށް މަރުގެ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުއްޖެއް ވެސް ހިމެނެއެވެ.

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ލަފާ ދިނުމާ ގުޅިގެން މަރުގެ ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅެވެ.

މަރާލާފައި އޮތް ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭގެ ފަހުން ކަރެކްޝަންސް އިން ވަނީ ކުޑަކުދިން ބަންދުކުރުމަށް އެކަށިގެންވާ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށްފައެވެ. އެހެންވެ، ދައުލަތުން ވަނީ އެކުއްޖާ އެތަނަށް ބަދަލުކޮށްދޭން އެދިފައެވެ.

އެކަމަކު، އެ މައްސަލައިގާ ޖުވެނައިލް ކޯޓުން މިއަހަރުގެ ކުރީކޮޅު ނިންމާފައިވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އޭގެ ފަހުން ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓު އަދި ސުޕްރީމް ކޯޓުން ވެސް ނިންމީ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ.

އޭގެ ފަހުން ދައުލަތުން ވަނީ އަނެއްކާވެސް ކުއްޖާގެ ބަންދު މުރާޖާ ކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފައެވެ. އެފަހަރުވެސް އެކޯޓުން ނިންމީ ކުއްޖާގެ ބަންދަށް ބަދަލެއް ގެންނަން ނުފެންނަ ކަމުގައެވެ. ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައިގާ ވެސް ހައިކޯޓުން ޖުވެނައިލް ކޯޓުގެ ނިންމުމަށް ތާއީދުކުރީއެވެ. މި މައްސަލަ ދައުލަތުން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެ މައްސަލައިގާ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އެއީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

ދައުލަތުން މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ކުއްޖާ ގޭބަންދުގައި ބަހައްޓަން ނިންމާފައިވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. ނަމަވެސް ހިލާފުވެފައިވާ ގޮތެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ބުނެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމުގައެވެ.

ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިސް

    ކުއްކުރަން ކުދިން ނައް ދެވޭ ފުރުސަތެއް..ޖަލައްގެންދަން ފެނޭ.

    13
  2. Anonymous

    ޖަލުގެ ކުޑަ ގޮޅީގައި ޢުމުރު ދުވަހު ބާއްވަންޖެހޭ ޤާތިލެއް. ބާލިޣުވެފައިވާނަމަ ކުޑަކުއްޖަކަށް ނުވާނެ 18 އަހަރު ނުފުރުނަސް.

    10
    1
  3. Anonymous

    އަންނަ އަހަރުވެސް އެ ސޮރަށް ވާނީ ސަތާރަ އަހަރު މިދިޔަ އަހަރު މިހާ ތަނުގައިވެސް ވެސް ސަތާރަ އަހަރު ވިއްޔާ އެސޮރަށް ވީ