ގޭންގުތަށް ދެމިއޮންނަނީ ޑްރަގުގެ ވިޔަފާރިން ކަމަށާއި، ގޭންގުތަށް ހުއްޓުވާނެކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަން އިޢުލާން ކުރައްވާފައިވާ މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު، އަމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވަނީ، "ގޭންގު ކުށްތައް ހުއްޓުވާނަން، އަމާން މުޖުތަމައެއް ޤާއިމު ކުރާނަން. ގޭންގުތަށް ދެމިއޮންނަނީ ޑްރަގުގެ ވިޔަފާރިން، ގޭންގުތައް ނައްތާލާނަން" ކަމަށެވެ.

މީގެ ކުރިން އުމަރު ވިދާޅުވެފައިވަނީ އިބޫއަށް އަދި ރައީސް ޔާމީނަށްވެސް ޤައުމު ހަމަ މަގަށް ނޭޅުވޭނެ ކަމަށާއި، އާ މިސްރާބަކަށް ޤައުމު ގެންދިއުމަށް އުމަރަށް ވޯޓުދެއްވުމަށެވެ. އަދި އުމަރުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މަސައްކަތު ގަޑި ހެނދުނު 06:30 ގައި ފެށޭނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު އިއްޔެ ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ބޭނުންވާ ތާއީދުކުރާ 1500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް އުމަރު ކުރިމަތިނުލައްވާނެ ކަމަށް ބައެއް މީހުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށާއި، އެކަމާ ޝައްކު ނުކުރެއްވުން އެދޭ ކަމަށެވެ. އަދި އިންތިޚާބަށް ފޯމު ހުށަހަޅުއްވާނީ ފަހު ވަގުތު ކަމަށް ވިދާޅުވާ ވިދާޅުވުން އުމަރު ތަކުރާރު ކުރެއްވިއެވެ.

އުމަރު ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަން އިޢުލާން ކުރައްވާފައިވަނިކޮށް ދަރަނީގެ މައްސަލައެއްގައި އުމަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މިދިޔަ ހަފްތާގެ ތެރޭގައި ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އެ އަމުރާ ގުޅިގެން އުމަރު ވިދާޅުވެފައިވަނީ ކޯޓުން އަމުރު ނެރެފައިވަނީ ބަލަންޖެހޭވަރަށް ނުބަލާ ކަމަށާއި، އުމަރުގެ އަދި އުމަރުގެ ހިއްޞާ އޮންނަ އެއްވެސް ކުންފުންޏެއް މިހާރު ނޯންނާނެ ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެއްވެސް ޤާނޫނީ ހުރަހެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރުގެ އިތުރުން ރިޔާސީ ރޭހަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައި އެކަން އިޢުލާން ކުރައްވާފައިވަނީ އެލްޖީއޭގެ ކުރީގެ ރައީސް ޝުޖާއު ހުސައިންއެވެ. ރިޔާސީ އިންތިޚާބަށް މިހާތަނަށް ކުރިމަތިލައްވައި، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑަސީ ބަލައިގެންފައިވަނީ ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓްގެ އެކަންޏެވެ. ޕީޕީއެމް އިން އިންތިޚާބަށް ނިކުމެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. ރަނިންމޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަނަނަވަނީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް 491 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާއިރު ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 263،000 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކުއްތާ

    ކިތައްފަހަރު؟

  2. ޑޮން

    ގޭންގްތަ ނައްތާލަނީ ނޫނީ އުމަރުތަ؟

  3. އާވައީ

    ސާބަސްއުމަރަށް

  4. ތިމަންނަ

    ވެރިކަމަށް ކުރިމަތިލާ މީހުންގެ ހާލަކީ ވެރިކަން ލިބުމުގެ ކުރިން " ހުރިހާ ކަމެއް " ހަދާން ހުންނާނެ ، ވެރިކަން ލިބުމުން "ހުރިހާކަމެއް" ހަދާންނެތިގެން ދާނެ.

  5. ޙަފްޞާ / މާލެ

    މިފަހަރު ހީވޭ 2 ޕަސެންޓްވަރުލިބިދާނެހެން!!!!

  6. ހުސޭނުބޭ

    ޢުމަރާ! މިނިސްޓަރު ކަމުގައި ހުރެފައި އެކަން ނުކުރީ ކިއްވެގެންތަ؟ ފަހަރުގައި ގޭންގުތަކަކީ ޢުމަރު ހިންގާ އެއްޗަކަށް ވުމުން ވެރިކަމަށް އައިސްފައި ޢުމަރަށް ނިކަން ފަސޭހައިން ތިކަން ކުރެވިދާނެ!

  7. ސާބަސް

    މަގޭ ވޯޓް އުމަރަށް..??

  8. ބުމަރު

    ބަލަ ކޮބާތަ ޑުރަގު ހުއްޓުވަން ކަލޭ ގެނައި

    ކުއްތާ؟ ކޮން ކަމެއްތަވީ؟ ބުމަރާ، ކަލޭ ހުސް

    އަނގަ ނުތަޅާ

  9. އޭނަ

    އުމަރަށް މަ ތާއިދު ކުރަން. އެކަމު އުމަރަށް ވޯޓުލއިފިއްޔާ ބޭކާރުވޯޓަކަށް ވާނީ

  10. އަންނި

    ގޭންގު ނައްތާލަން ތިބޭފުޅާއަށް ފުރުޞަތު ލިބުނު، ކީއްވެ ނުނައްތާލެވުނީ، މަށަށް ހީވަނީ ހުރިހާމީހުންގެ ޅިނދު ކަށިގަނޑުހެން ނައްތާލާނީ... ތިބޭފުޅާއަށް ހުވަފެނެއްގައިވެސް މިޤައުމުގެ ވޯޓްލާ އާބާދީގެ %3 ލިބުނަސް ހަމަ ސާބަސް