މުދައްރިސުންނަށް ލައިސަންސެއް ދޫކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރު މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ މުދައްރިސުންނަށް ކިޔަވައި ދިނުމުގެ ލައިސަންސު ދޫކުރުމަކީ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން، އުންމީދު ކުރަނީ، މުދައްރިސް ކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް" އެކަމަނާ ވިދާޅުވިއެވެ.

ތައުލީމީ އާ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ފުރެން ގާތްވެފައިވާއިރު، އެ ގާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ގަވާއިދެއް މިހާރު ހަދާ ނިމިފައިވާ ކަމަށާއި މި އަހަރު އެ ގަވާއިދުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިހާރު އޮންނަ ގަވައިިދުގެ ދަށުން އެއްވެސް ޓީޗަރަކަށް ވަކި ލައިސަންސެއް ދޫކޮށްފައެެއް ނޯވެއެވެ. ޓީޗަރުން ރަޖިސްޓްރީ ކޮށްފައި ތިބެނީ އެޑިއުކޭޝަން މިނިސްޓްރީގައެވެ. އަދި، އެއްވެސް ޓިއުޝަން ސެންޓަރަކުން ނުވަތަ ކްލާހެއްގެ ޓީޗަރަކުވެސް އެކަން ކުރަމުންދަނީ ރަޖިސްޓްރީ ކޮށްގެން، ރެގިއުލަރައިޒް ކޮށްގެނެއް ނޫނެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އާ ގާނޫނުން އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންގެ ރައްކާތެރި ކަމަށް. އެހެން ކަމުން ދަރިވަރުންނާ ބައްދަލުވާ އެންމެން ވެސް އެ ކަމަށް ސަމާލުކަން ދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ޚިތާބުގައި ވަނީ މި ދިރާސީ އަހަރު ފެށޭ އިރު، ކޮވިޑަށް ފަހު، އާންމު ހާލަތުގައި ކިޔެވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިޔުމަކީ ލިބުނު ނަސީބެއް ކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދަރިވަރުންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށްވުމުގެ މުހިއްމު ކަމަށް ވެސް މިނިސްޓަރުގެ ހިތާބުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި ކޮންމެ ކުއްޖަކު ވެސް މަދުވެގެން ދެ އަމަލީ މަސައްކަތް ދަސްކުރުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންމެ ކުއްޖެއް ވެސް އެކުއްޖަކު ދިރިއުޅޭ ރަށަށް، އެ ކުއްޖެއްގެ އަވަށަށް، އެ ކުއްޖެއްގެ އާއިލާއަށް، އެ ކުއްޖެއްގެ ވެއްޓަށް މަންފާކުރަނިވި ކަމެއްގައި މަޝްއޫލުވެ އުޅުމަކީ މުހިއްމު ކަމެއް" އެކަމަނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ޓީޗަރުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލުގެ ނަތީޖާ، ދަރިވަރުންނަށް ކިޔަވައިދޭއިރު ގެންގުޅޭ ސަމާލުކަމުން ވެސް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    އަލަގިރި ކުޅީގެ ލައސަންސްބާ. އިންޑިއާ ޓީޗަރު ގޭގެ ސިޓިންގ ރޫމްގަ 24 ގަޑިއިރު ބައިންދައިގެން ނޫން ގޮތަކަށް ޓޮޕް ޓެންގަވެސް ކުއްޖަކު ލައްވާ ލާފަ ނެތް. ސުކޫލް ޓީޗަރު ކިޔަވައިދެނީ ކޯންޗެއްކަން އެނގޭނީ އޭނަޔަށް. އެކަމަކު އަހަރު ނިމުނީމަ،ދަރިވަރަކު ރަނގަޅު ނަތީޖާއެއް ގެނެސްފިނަމަ ސުކޫލުގެ ވެރިންނާއި ޓީޗަރުން ނަށް ހީވަނީ ތިމާމެނަށް ލައްކަ މަސައްކަތް ކުރެވިއްޖެޔޭ. މިއޮތީ ވާ ގައުމެއް

    11
  2. ޅަހުއްތު

    ޓީޗަރުން މަސައްކަތް ކުރަނީ އެއްޗެއް އުގަންނައިދިނުމަކަށް ނުން.މުސާރަޔަށް.ހަގީގަތުގަ ކުރިންވެސް ޓީޗަރުންނަށް ކުރާ މަސައްކަތާ އެކަށީގެންވާ މުސާރަ ދޭ.ވަރަށް މަދު ޓީޗަރަކު ހެޔޮހިތުން ކިޔަވައިދޭންދަނީ.އެކަން އެނގިއްޖެ މިހާރު .މުސާރަ ބޮޑުކުރީ ކުރިން މޫނި ކުނިކޮށްގެން ގޭގަ ތިބި ޓީޗަރުން ސުކޫލަށް ދާން ފަށައިފި.ވަޒީފާ ނެތިއްޔާ އޯކޭ ވަގުތީ މީހަކަށް ވިޔަސް.

    2
    1