އިންޑިއާގެ "އެމިޓީ ޔުނިވަރސިޓީ،(ނޮއިޑާ)" އިން އިންތިޒާމްކުރާ އަށް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިންގެ ވަފުދެއް މިއަދު މެންދުރު އިންޑިއާ އަށްފުރައިފިއެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ މީޑިއާ ދާއިރާގައި މަސައްކަތްކުރާއެޑިޓަރުންނާއި ނޫސްވެރިންނަށެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ބައިވެރިންގެގޮތުގައި 17 ނޫހަކާއި، ޓީވީ ސްޓޭޝަންތަކުން ޖުމްލަ 20 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ޤާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް، ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު، ސިޓިޒަން ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، މޯބައިލް ރިޕޯޓިން، ކޮމިއުނިޓީ ބްރޯޑްކާސްޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމް،އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް، ޢާންމު މަޞްލަޙަތު ހިމެނޭ މުހިންމުކަންކަން ފީޗަރ ރިޕޯޓެއްގެގޮތުގައި ގެނެސްދޭނެގޮތް، ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓާގެ މުހިއްމުކަން، އޯޑިއަންސް އެންގޭޖްކޮށްގެން ހަބަރު/ރިޕޯޓްގެނެސްދޭނެގޮތް ހިމެނެއެވެ.

އޭގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ ހުދޫދުތައް، ހޭޓް ސްޕީޗް، މީސް މީޑިއާގެ މުހިއްމުކަން، ފޭކް ނިއުސް އަދި ފެކްޓް ޗެކިން އުކުޅުތައް، މީޑިއާ ލިޓްރަސީގެ މުހިއްމުކަން، ޚަބަރު ފެތުރުމުގައި ޘަޤާފީ ހުރަސްތަކާއި ކްރިޓިކަލް ތިންކިންގ ކުޅޭ ދައުރު އަދި ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލްސް ތަރައްޤީކުރެވޭނެ ގޮތްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ.

އަދި މީގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެއެޑިޓަރުން/ސީނިއާރ ނޫސްވެރިން/މަސްއޫލުވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރޭވިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އަދި މި ދަތުރުގެ ބައިވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ،ނޭޝަނަލް ކެޕިޓަލް ރީޖަން އަށް ޒިޔާރަތްކުރާނެ ކަމަށްވެސް ބުނެފައެވެ.

​​މިއީ، ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ޤާބިލްކަންއިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބިފައިވާ ފުރުސަތެކެވެ.

މި ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަލްފާޟިލް މުހައްމަދު ޝާފިޢުއެވެ. އަދި ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަލްފާޟިލް މުޢިއްޒު އިބްރާހީމް އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަވް

    ލޮލް

  2. Anonymous

    ވަރަށް ރަގަޅު ކަމެއް ހުރިހާ ދިމާލެއް އިންޑިޔާއިން ގަނެލަނީތަ؟

    15
  3. ސޯލޭ

    މިދާވަރުން ދިވެހިންގެ ކައިވެނިތައްވެސް ދެންކުރަން ގެންދާނީ ތިޔަ އިންޑިޔާއައް ތޯއްޗެ އިންޑިޔާގެ މުސީބާތުން ދެން މި ދިވެހިންނެއް ސަލާމަތެެއްނުވާނެ ﷲ، އަކްބަރު

  4. ޭައަލީހުސެން67

    ބްލެކްމެއިލް ކޮއްފަ ތިބޭނީ ...މީ 2023 ނުފޫޒުފޯރުވަން ކުރާ ކަމެއް