އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ރ. އަތޮޅު ފައިނުގާ ދިރިއުޅެމުން ދިޔަ އާއިލާއަކަށް "އެހީ ޖަމިއްޔާ" އިން ގެޔެއް ބިނާކޮށްދީ، އެ ގެ އާއިލާއާއި ހަވާލުކޮށްފިއެވެ.
ގޭގެ މަސައްކަތް އެއްކޮށް ނިންމާ ގެ އާއިލާއާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީ ޖަމިއްޔާގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވީ މިއީ އެރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުން އައި އާއިލާއަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ކައުންސިލްގެ އިސްނެގުމަށް، އެހީ ޖަމިއްޔާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކުރިޔަށް ގެންދެވުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ.
"ރައްޔިތުން އެހީ ޖަމިއްޔާއަށް ތިދެއްވާ އެހީއަކީ ހަގީގަތުގައި މުޅި އިންސާނިއްޔަތަށް، އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތު ބަދަލުކުރުމަށް، މުޖުތަމައު ތެރޭ އުޅޭ މިފަދަ އެކިއެކި ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ބޭނުންތައް ފުއްދައިދިނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް" މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން، އެހީ ޖަމިއްޔާގެ ނައިބު ރައީސް ހަސަން ހަބީބު ވިދާޅުވީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ނިކަމެތި ހާލުގައި އުޅެމުންދިޔަ އެ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ވެސް އަދި، މުޅި ރަށުގެ ރައްޔިތުންނަށް ވެސް އަދި އާއިލާއަށްވެސް ވަރަށް އުފާވެރި ދުވަހެއް. މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔައިރު އަޅުގަނޑުމެން ބެލީ ވީހާވެސް އަވަހަށް ހަވާލުކުރެވޭތޯ." އޭނާ ވިދާޅުވިއެވެ.
ފައިނުގެ އެ އާއިލާ މީގެ ކުރިން ދިރިއުޅެމުން ދިޔައީ އެހެން މީހެއްގެ ގޭގައެވެ.
ކޮންޓްރެކްޓަރަކާއި މަސައްކަތް ހަވާލު ކުރިއިރު، އެ އާއިލާގެ އަމިއްލަ ގޯތީގައި ވަނީ އިމާރާތެއް ކުރަން ފަށާ މަތީ ބެރިއާއި ހަމައަށް މަސައްކަތް ނިންމާފައެވެ. ދެން ހުރި މަސައްކަތްތައް އެ ޖަމިއްޔާއިން ހަވާލު ކޮށްފައިވަނީ އަމިއްލަ ކުންފުންޏަކާއެވެ.
ޔާ ﷲ އެބައިމީހުންގެ މުދަލުގައި ބަރަކާތް ލައްވާށި.އާމީން
މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހެހީތެރިވެ އުޅުމަކީ ވަރަށް ރަގަޅުކަމެއް ﷲ ވޮޑިގެން ވަނީ އެފަދަ މީހުނާއި އެކު ކަން މާތް ނަބިއްޔާވަނީ އަންގަވާ ހަބަރުދެއްވާފައި ! ﷲ އަޅަމެނަށް ހިދާޔަތާއި ހެޔުކަންތަށް ކުރުމުގެ ހެޔު ތައުފީޤް މިންވަރު ކުރައްވައި ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރައްވާށި !
ނިޢުމަތް ލިބުނުމީހާ ނިޢުމަތަށް ޝުކުރު ކުރާހުށި. ނިޢުމަތަށް ޝުކުރު ކުރުމަކީ ﷲ އެންގެވިގޮތަށް ޢަމަލުތައް ބެހެއްޓުން.
މިވަރުގެ އެހީތެރިކަމެއްވެސް ދޭންނުކެރި މުއްސަނދިކަމުގާ ނާށިގަނޑުލައިގެން މަހުޖަނުހެދިފާ ވެރިކަން ބަދަލުވީމާ އިނާމުދޭ މީހާވެސް އުޅޭ. އޭނާވެސް ނިދުނިޔެދޫކޮށްދާނީ ޑޮލަރުފުންޏާ ރިސޯޓްތައް ދޫކޮށްފަ. އަހަރެމެން ނިކަމެތިން އެހީތެރިވާށެ. ﷲ ގިޔާމަތް ދުވަހުން އަހަރެމެން މުއްސަނދި ކުރައްވާނެތެ.