ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސް ކުރާ ނަމަ ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ހޯދަން ދަތިވާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފިއެވެ.
އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވަނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރަމުން ދާއިރު، މިއީ އެންމެ ކުޑަ އުޖޫރަ ދިނުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.
އެހެންވެ، ހުށަހަޅާފައިވަނީ މިނިމަމް ވޭޖު ދިނުމަށް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅުމުގެ ބަދަލުގައި، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ލަފާ ދިނުމުން މިނިސްޓަރަށް ތާރީހު ކަނޑައެޅޭ ގޮތަށެވެ.
އެއާއެކު އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ޓްރާންސްޕޭރެންސީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ އިސްލާހަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި އަދި އޭގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ހޯދަން ދަތިވާނެ ކަމަށެވެ.
"ވިޔަފާރިތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނުލިބި، އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ބުރަވެ، ވަޒީފާ ނުލިބޭ ޒުވާނުން އިންތިހާއަށް ގިނަވާނެކަން ޔަގީންކުރެވޭ." ބަޔާނުގައި ބުނެފައިވެއެވެ.
އަދި، އެއީ ރާއްޖޭން ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންގެ އީކުއަލް ރެނިއުމަރޭޝަން ކޮންވެންޝަންއާ ވެސް ހިލާފު ކަމެއް ކަމަށް ޓްރާންސްޕޭރަންސީން ބުނެފައިވެއެވެ. އެ މުއާހަދާގައި ބުނެފައިވަނީ އެއް މަސައްކަތެއް ކުރާ މީހުންނަށް އުޖޫރަ ދޭން ވާނީ ހަމަހަމަކޮށް ކަމަށެވެ.
ހަމައެހެންމެ، ސައްކަތްތެރިންގެ މެދުގައި ހަމަހަމަކުރަން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް އޮންނަކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރިން ލައްވައި މަސައްްކަތް ކުރުވައި ނާޖާއިޒު ފައިދާ ނަގަން، އެ އިސްލާހުން މަގުފަހިވާނެކަން ފާހަގަކޮށް، އެކަން ނުކުރުމަށް ގޮވާލާފައެވެ.
އެ ޖަމިއްޔާއިން ވަނީ ބިދޭސީ އަދި ދިވެހި މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގު ނައްތާލާއި، ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލާފައެވެ. އަދި، އެއީ ހަމަހަމަކަމާއި އިންސާފު ގާއިމްކުރުމަށްޓަކައި އިސްލާހު އަނބުރާ ގެންދިއުމަށް ވެސް ވަނީ ގޮވާލާފައެވެ.
"މި އިސްލާހުގެ ސަބަބުން ވަޒީފާ ލިބޭ ދިވެހިންގެ އަދަދު އިތުރަށް ދަށްވެ، ރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޓު އިތުރަށް މަތިވެގެން ދާނެ" ބަޔާނުގައި ވެއެވެ.
ކޮއްމެ ސަރުކާރަކުންވެސް މިފެންނަނީ ރާއްޖޭގެ މަހުޖަނުންގެ ދަށުވާތަން މަހުޖަނުން ހިންހަމަ ނުޖެހިދާނެތީ ބިރުން އުޅޭ މަންޒަރު. މިކަންކަމުން ދޭހަވާނީ ސަރުކާރުތެރޭ ކަރަޕްސަން އޮށްވަރު. ރިސޯޓްތަކުގަ މަސައްކަތްކުރާ ތާޑުޕާޓީ ކުންފުނިތަކުގެ މުވަޒަފުންނަ ސާވިސް ޗާޖު ލިބޭތޯ ބަލާވެސްނުލެވޭ.
މިނިމަމް ވޭޖްގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ގިނަފުރުސަތުތަކެއް ވަނީ ގެއްލިފައި. ދިވެހިންނަށް ވަޒީފާ ލިބިގެންތާ މިނިމަމް ވޭޖްވެސް ލިބޭނީ. ބައެއް ރިސޯޓަކުގައި ރޫމްބޯއި ފަދަ ކުރިން ބިދޭސީން ނުޅޭދާއިރާތަކުގައިވެސް މިހާރު ބިދޭސީން އެބައުޅޭ. ގިނަ ދިވެހި ޒުވާނުންގެ ވަޒީފާގެއްލި އިތުރަށް ދިވެހިން ބާކީވުން ނޫން ކަމެއްނުވޭ. ރިސޯޓްތަކުގައި ދިވެހިން ވަޒީފައި
އުޅޭނިސްބަތްދަނީ ދަށަށް.
ކެބިނެޓާއި މަޖިލިސް އަދި ސިޔާސީ އެހެނިހެން މަގާމުތަކަށްވެސް އަދި އެޓިވިސްޓުންނަށްވުމުގެ ފުރުސަތު ވެސް ބީދޭސީންނަށް ދިނުން ރަގަޅު..އެވެސް އިންސާނުންވިއްޔާ..ހަމަހަމަ ކަން ގެނެވޭނީ އަސްލު އޭރުން....
ކިހާދެރަކަމެއް،އަދިވެސް ބޭރު މީހުންގެ ހައްގު ނުހޯދިގެން ދޯ މިއުޅޭނީ