ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނޭ މެމްބަރުންގެ އަދަދު ހިފަހައްޓައި މެމްބަރުން އިތުރު ނުކުރެވޭ ގޮތަށް ހަދަން މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނު އަސާސީއަށް އިސްލާހުކުރަން ބިލެއް ހުށަހެޅުއްވީ ގާސިމްގެ އަމިއްލަ ފައިދާއަށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރައްވައިފި އެވެ.

އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ކުރި ބަހުސްގައި ޖާބިރު ވިދާޅުވީ މެމްބަރުންގެ އަދަދު ހިފަހައްޓަން ގާސިމް ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ޑިމޮކްރަސީ ފަހަތަށް ދިއުން ކަމަށެވެ.

ގާސިމްގެ ހާޒީރީ ދަށްކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ ގާސިމްގެ ދާއިރާ މާމިނގިލީ ދާއިރާ ރަނގަޅަށް ތަމްސީލުވެސް ނުކުރެއްވޭ ކަމަށެވެ.

އަދި މާމިނގިލީ ދާއިރާއަށް އިތުރު ގޮނޑިއެއް އިތުރު ކުރުމުގެ ފުރުސަތު ވެސް ގާސިމް ހަނިކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

މިހާރު މަޖިލީހުގައި ތިބެނީ 87 މެމްބަރުންނެވެ. ނަމަވެސް ޖާބިރު ދެކެވަޑައިގަންނަވާ ގޮތުގައި އެ އަދަދު ވެސް މަދެވެ. އަދި އޭގެ ބަދަލިގައި 174 ގޮނޑި ހުންނަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ތަމްސީލު ކުރައްވާ ކާށިދޫ ދާއިރާއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ ދާއިރާއަށް ވެސް ދެ މެމްބަރުން ތިބެން ޖެހޭނެ ކަމަށާއި އަދި އެއް މެމްބަރަކު ޖަލްސާއަށް ވަޑައި ނުގަން ނަމަވެސް އަނެއް މެމްބަރަށް ވަޑައިގަންނެވޭނެ ކަމަށެވެ.

"މާމިނގިލި ދާއިރާ ރެޕްރެޒެންޓް ނުވެ މިދިޔައީ. މީދޫ ދާއިރާ ރެެޕްރެޒެންޓް ނުވެ މިދިޔައީ އިއްޒަތްތެރި ރައީސް/ އަދިވެސް ތިމާ މެންނަށް ފަހާފަ އޮންނަ ކޯޓެއްހެން ގާނޫނު އަސާސީ އިސްލާހުކުރަންވީ ޒަމާނެއް ނޫން މިއަކީއެއް" ޖާބިރު ވިދާޅުވިއެވެ.

ގާސިމްއަށް ފާޑު ވިދާޅުވެ ޖާބިރު އިތުރަށް ވިދާޅުވީ މިހާރު ފެނިގެންދަނީ އެންމެ ވިޔަފާރިއަކު ސަލާމަތް ކުރަން މުޅި ދައުލަތް ވަށައިގެން އެނބުރޭ މަންޒަރު ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް މެމްބަރުން ގަންނަން ވެއްޖިއްޔާ މި ތާނގަ 48 މެމްބަރުން ތިބިއްޔާ ތަންކޮޅެއް ފަސޭހައިން ގަނެވޭނެ. މިއަދު 87 މެމްބަރުން ތިބީމަ ކުޑަކޮށް އުނދަގޫވުގެން މި އުޅެނީ ގަންނަން. ގިނައިން ގަންނަން ޖެހޭތީވެ" ޖާބިރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު