އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ހާޒިރުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކު ޖިނާއީ މައްސަލައެއްގައި ދިފާއީ ހެއްކެއްގެ ގޮތުން ކޯޓަކުން ބަލައިގަތް ފުރަތަމަ ފަހަރެވެ.

ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެއެވެ.

އެމައްސަލައިގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީއަތުން ނިންމި ގޮތް ހާމަކުރުމެވެ. ދައުލަތުން ވަނީ ނިހާންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ބަލައިނުގަތުމަށް އެދިފައެވެ.

ޕީޖީ ޝަމީމް
ޕީޖީ ޝަމީމް

އޭގެ ތެރޭގައި ޕީޖީ ޝަމީމާއި މިނިސްޓަރު މަހްލޫފްގެ އިތުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުށަހެޅުންތަކާ މެދު ގޮތް ނިންމަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދިފާއީ ހެއްކެއްގެ ގޮތުން ޝަމީމްގެ ނަން ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. އެހެންވެ، ދިފާއީ ހެއްކެއްގެ ގޮތުން އޭނާ ބަލައިގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މަހްލޫފްގެ ނަން ނިހާންގެ ފަރާތުން ހުށަހެޅީ މަޖިލިސް މެމްބަރަކަށް ނިހާން ހުންނެވިއިރު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ނިންމުންތައް ނިންމުމުގައި އަމަލުކުރި ގޮތް ސާބިތުކޮށް ދިނުމަށެވެ. އަދި އަލީ ވަހީދުގެ ނަން ހުށަހެޅީ އަދީބުގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަން ސާބިތުކުރުމަށެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ދައުވާއާ ނުގުޅޭ ހެކިން ކަމަށް ބުނެ ދިފާއީ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅިއެވެ. އެކަމަކު ގާޒީ ނިންމެވީ އެ ދެ ބޭފުޅުން ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމަށެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެވި ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހެކިންގެ ގޮތުގައި ބަލައިގަންނަން ގާޒީ ވަނީ ނިންމަވާފައެވެ. މިގޮތުން،

  • އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)
  • ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ
  • ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު
  • އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހް
  • ކ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާ
  • ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް

ނައިބު ރައީސާއި ރައީސް ހެއްކަކަށް ބަލައިނުގަތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމްގެ ނަން ވެސް ނިހާންގެ ދިފާއީ ހެކިންގެ ލިސްޓުގައި އޮތެވެ. އެއީ އޭރު މާލިއްޔަތު ކޮމެޓީގައި ނިހާނާއެކު މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

ޝަރީއަތުން މިއަދު ނިންމީ އެ ދެ ހެކިންނަކީ މައްސަލައާ ގުޅުންހުރި ހެކިން ނޫން ކަމަށެވެ.

މީގެ އިތުރުން ނިހާންގެ ފަރާތުން ވަނީ ކުރީގެ ނައިބު ރައީސް އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައެވެ. އެކަމަކު، ގާޒީ އަލީ އާދަމް ވިދާޅުވީ އަދީބުގެ ހެކިބަހަށް ބާރުދޭން ދައުލަތުން ޝަފައީ 15 ހެކި އަދި ކިތާބީ 35 ހެކި ހުށަހަޅާފައިވާތީ އަދީބު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުނުކުރަން ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަނެވެން ނެތް ކަމަށެވެ. އަދި، އަދީބުގެ ހެކިބަސް ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

ނިހާންގެ ބޭންކް އޮފް ސްޓޭޓްމަންޓް ތަހުގީގަށް ހޯދާފައިވަނީ ބޭންކިންގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ހުށަހެޅުއްވި ހުށަހެޅުން ވެސް ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.

އެ މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ މަރުހަލާ ފެށުމެވެ. ހެކިންގެ ހެކިބަސް ނަގާނީ އެ މަރުހަލާގައެވެ.