މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) އިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީއާއިއެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ޔޫ.އެސް.އޭ.އައި.ޑީގެ ފަރާތުން މިއަހަރު ސޮއިކުރި 4 ވަނަ ހިލޭއެހީގެ އެއްބަސްވުމެވެ. އަދި މިފަދަ މަސައްކަތްތައްކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި ހިލޭއެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ ފެހެންދޫ ހިމެނޭގޮތަށް ގޮއިދު އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެހީވެދޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިގުތިސާދީ ގިނަގުނަ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް ކުރިއަރުވައި، ބ.ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ގޮއިދު އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.

ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކޮށްދޭކަމެކެވެ. އަދި މިގުދުރަތީ ވެށިން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާވުމަށް ފުރުސަތު ލިބޭނޭކަމެކެވެ. ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގޮއިދޫ ކުޅިއާއި، ޗަސްބިމުގައާއި މުޅި އަތޮޅުގައި ގާއިމުކުރުމަކީ އެ ސަރަހައްދުތަކުގެ އިގުތިސާދީ އަދި ގުދުރަތީ މާހައުލުގެ އަގު މަތިކޮށް، އިކޯ-ޓުއަރިޒަމް މަންޒިލެއްގެ ގޮތުގައި ގޮއިދޫ އަތޮޅު އިސްތިހާރުކުރުމަށް ލިބޭނެ ފުރުސަތެކެވެ.

މި އެއްބަސްވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވީ، މިއަދަކީ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވަށާއި ގޮއިދު އަތޮޅަށް ވަރަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށާއި ޔޫ.އެސް.އޭ.އައި.ޑީއާއިއެކު އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދެފަރާތުގެ އެއްބާރުލުމާއި ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރަމަކީ އެބޭފުޅުންނަށް ލިބޭ ފަހުރެއް ކަމަށެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ވަނީ މުރަކަ ފަރުތަކާ ގުޅިލާމެހިފައިކަމުން، އެބޭފުޅުން ދަނީ މިފަދަ މުހިއްމު ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަމުން ކަމަށާއި އަދި ރީތި ކުޅިފަލާ، ޗަސްބިމާ، މޫދު ވިނައިގެ ބަގީޗާތަކުގައި ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގާއިމުކުރެވޭނޭ ގޮތްތައް ބަލަމުން ކަމަށެވެ.

ކުޅިފަލާ ޗަސްބިމުގެ ރީތިކަމަކީ އެކަމުގެ ސަބަބުން ދިވެހި އަދި ބޭރުގެ ފަތުރުވެރިން އެސަރަހައްދުތަކަށް ޝައުގުވެރިކުރުވާކަމެއް ކަމަށާއި މިފަދަ ފަތުރުވެރިކަމުން ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެންދާނޭކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު ކުރިއަށްދާ މި އެއްބާރުލުމުގެ ތެރެއިން އަޅުގަނޑުމެން ދިރިއުޅެ، ކައިބޮއި، އަދި ހެދިބޮޑުވާ ރާއްޖެ ހިޔާމަތްކޮށް ރައްކާތެރިކުރުން. ގުދުރަތީ ވެށި ރައްކާތެރިކޮށް، އެ ސަރަހައްދުތަކުން ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނޭ ގޮތްތައް ފަހިވުމަކީ ހަމައެކަނީ ތިމާވެއްޓަށް ލިބޭނޭ ކުރިއެރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ އިގުތިސާދަށާއި، ވަކިން ހާއްސަކޮށް ދިވެހިރައްޔިތުންނަށް ލިބޭނޭ ކުރިއެރުމެއް. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ ގައުމެއް ފޯރުކޮށްދެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން" ޝައުނާ ވިދާޅުވިއެވެ.

އެއްބަސްވުމާއި ގުޅޭ ގޮތުން ޔޫ.އެސް.އޭ.އައި.ޑީގެ ފަރާތުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަން ޑައިރެކްޓަރ ގެބްރިއެލް ގްރައު ވިދާޅުވީ، މިހިލޭއެހީގެ އެއްބަސްވުމަކީ ޔޫ.އެސް.އޭ.އައި.ޑީއިން ދިވެހިރާއްޖެއާއި ދިވެހިންނާއެކު ސާބިތުވެތިބޭކަމުގެ ރަމްޒެއް ކަމަށާއި އެބޭފުޅުންގެ އަމާޒަކީ، މިހިލޭއެހީގެ ދަށުން، އެންވަޔަރަމެންޓް މިނިސްޓްރީއާއި އެކީ މަސައްކަތްކޮށް ގުދުރަތީވެށި ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ.

މީގެ އިތުރުން ކުޅިފަލާ، ޗަސްބިން ރައްކާތެރިކުރުމަކީ އޭގެ ސަބަބުން ގިނަ ގުނަ ފައިދާ ލިބޭ ކަމެއް ކަމަށާއި މީގެ ތެރޭގައި ތިމާވެށިން ފޯރުކޮށްދޭ ހިދުމަތްތަކާ، އުދައެރުމުން ލިބޭ ގެއްލުމުން ރައްކާތެރިކަން އިތުރުވުން ހިމެނޭ ކަމަށް ގެބްރިއަލް ވިދާޅުވިއެވެ.

"މުޖުތަމައު ބާރުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ޝޮކްތަކާ އަސަރުތަކަށް އެފަރާތްތަކުގެ ވިލުންވެރިކަން އިތުރުކުމަށް ޔޫ.އެސް.އައި.ޑީގެ ފަރާތުން މަސައްކަތް ކުރާނެ. އަދި މި ކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކޮށް، އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިވުމަށް މަސައްކަތް ކުރާނެ" ގެބްރިއެލް ވިދާޅުވިއެވެ.

މިގްރާންޓަކީ ޔޫ.އެސް.އޭ.އައި.ޑީގެ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކޮށްފައިވާ ހަތަރުވަނަ ހިލޭއެހީއެވެ. މިއެކްޓިވިޓީއަކީ 5 އަހަރުގެ މުއްދަތަށް ހިންގާ، 10.5 މިލިއަން ޑޮލަރުގެ އެކްޓިވިޓީއެކެވެ. އަދި މިއެކްޓިވިޓީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކުގެ ހިރާސްތަކަށް ވިލުންވެރިކަން އިތުރުކުރުމަށް އެހީތެރިވާނެއެވެ. މި އެކްޓިވިޓީއަކީ ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ވިލުންވެރި މުޖުތަމައެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު

    އަވަހައް ފުލެޓް އަޅާލާ މާލޭގަ. މަޖުބޫރުވެގެން ދަރިން ނަށް ކިޔަވަދޭން, ދިގުމުއްދަތަށް ބޭސްކުރަން ވަޒީފާ ހޯދުމަށް މާލެ އައިސް މުޅިއުމުރު މާލޭގެ ރައްޔިތުން ގާތު އާދޭސް ކޮށް ކުލިދައްކައިގެން އުޅެނިކޮއް އަނެއްކަވެސް މާލޭގެ މީހުނަށް ގޯތި ހިލޭ. ބޮޑުހަރދުކޮއްގެން އުޅޭ ރާއްޖެތެރޭ މީހާ އަދި އިތުރު 25 އަހަރުގެ ލޯނެއް ބޮލުގަ އަޅުވާފަ ފްލެޓް ގަންޑެއް. ތި ހުރިހާ ފުލެޓް ނާޅާ ރާއްޖެ ތެރޭގަ ބޭސް ފަރުވާޔާ ތައުލީމު ރަންގަޅު ކޮއްލަބަލަ 1މަ ދުވަހަކުވެސް މާލޭގަ ތިބޭތޯ. އެދުވަހުން މުޅިމާލެ ބަހާފައިދިނަސް ދިންތޯ ނުދޭތޯވެސް ނުބަލާނަން. ޖިފުޓި ތަކުގައި ތިބެ ދަރިންކޮޅު މޮޔަވެ އުމުރު ދުވަހު މަސައްކަތުން ރަށުގަ އެޅި ގެތައް ވީރާނާވެ ވެއްޔައް ވަނީ. ތީޑިމަކުރަސީގެ އާވިގަދަ ވައްތަރު.

  2. ހދހ

    އެމެރިކާއިން ދުވަހަކުވެސް ނުދޭނެ ބަޔަކަށް ކަމެއް ވާވަރުގެ އެހީއެއް. ބަލާނީ ބަޔަކު އަޅުވެތި ކުރެވޭތޯ ނުވަތަ ތަނެއް ސުންނާފަތި ކުރެވޭތޯ.