އިއްޔެގެ ވަގުތެއްގައި މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި މ. މުލި، ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދަށް ނޭވާ ނުލެވިގެން ބިންމައްޗަށް ވެއްޓި ތެޅުނުއިރު ވެސް ޖަލު އޮފިސަރުންގެ އެހީތެރިކަމެއް ނުލިބޭ ކަމަށް ގާނޫނީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ނިޔާވުމާއި ގުޅިގެން ކަރެކްޝަނުން ރޭގެ ވަގުތެއްގައި ބުނީ، އޭނާ ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް އޭނާއަށް ސީޕީއާރް ދީފައިވާ ކަމަށެވެ. ސީޕީއާރަށް ފަހުވެސް އޭނާ ނޭވާ ނުލުމުން، ނިޔާވި ކަމަށް ނިންމީ ހަވީރު 17:26 ގައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ނަޝީދު ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާޗް 20 ގައި "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތު ކުރެވިގެންނެވެ.

ނަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާ ޝަޒީމް ވިދާޅުވީ، ނަޝީދު ނޭވާ ނުލެވިގެން، ބިން މައްޗަށް ވެއްޓި ތެޅުނު އިރު ވެސް ޖަލުގެ އޮފިސަރަކު ދައްކާނުލި ކަމަށް ހަބަރު ލިބޭ ކަމަށާއި ޖަލު އޮފިސަރުން އައީ ނަޝީދު އާއެކު ގޮޅީގައި ބަންދުގައި ތިބި މީހުން އެތައް ފަހަރަކު ހަޅޭއްލަވައިގެން، އަޑު ގަދަކުރަން ފެށުމުން ކަމަށެވެ.

ޖަލު އޮފިސަރުންނަށް އާދެވުނުއިރު ވެސް ނަޝީދު އޮތީ ނިޔާވެފައި ކަމަށް ޝަޒީމް ވިދާޅުވިއެވެ.

ޝަޒީމް އިތުރަށް ވިދާޅުވީ، ނަޝީދުގެ ބަލި ހާލަތު ހުރި ގޮތުން، އެކަށީގެންވާ ފަރުވާ ނުލިބިގެން ޝަކުވާ ކުރުމުން، އެޗްއާރުސީއެމް އިން ބަޔާނެއް ނެގުމަށްފަހު އެމީހުންގެ ވެސް ހަބަރެއް ފަހުން ނުވާ ކަމަށެވެ.

ޖަލުގެ ކަންކަން ރަނގަޅަށް އެނގޭ ގާނޫނީ ވަކީލު މިފަދައިން ވިދާޅުވެފައިވާއިރު، 2021 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ނަޝީދު ވަނީ އޭނާގެ ބަލި ހާލަތު ހާމަކޮށް ކަރެކްޝަނުން އެމައްސަލައިގައި ތިބި މީހުންގެ ބޭސްފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން ނަޝީދު އޭރު ބުނީ، އޭނާގެ ބޮލުގެ އެއްފަޅި އައްސިވާ ކަމަށާއި ކަންފަތުގައި ލޯވަޅެއް ހެދި ކަންފަތުން ލޭ އަންނަ ކަމަށެވެ. އެކަމާއި ގުޅިގެން ޑޮކްޓަރަށް ދެއްކި ނަމަވެސް އެދެވިގެންވާ ފަރުވާ ނުލިބޭ ކަމަށް ވެސް އެދުވަހު އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލްއާމް

    ތިކަހަލަގެ މުޖުރިމުން ގެ ސަބަބުން ކިތަށް ޒުވާނުން ހަލާކުގެތެރަށް ވެއްޓިގެންދޭ 61 ކ މަސްތުވާތަކެތި މާކެޓަށް ނެރެވުނުނަމަ ކިތަށް މީހުންގެ މުސްތަގުބަލް ހަލަކުގެތެރަށް ވެއްޓިގެން ދިޔައީސް ތިކަހަލގެ ހުރިހާއެންމެން ތިގޮތަށް ނިމިގެން ދިއުމަކީ މިގައުމު ދެކެން ބޭނުންވާނެ ދުވަސް ދެން ހަމަގާމުވެސް މަސްތުވާތަކެތި އެރެކުރާ އެއް ގައްދާ މަދުވީނުން އަލްހަމްދު ލިއްލާހި ތިކަޖަލގެ ހުރިހާ ގައްދާރުން ނިކަމެތި ގޮތުގާ ގެންދަވާންދޭވެ

    6
    5
    • ކަހުރަބު

      ސާބިތު ނުވާހާ ހިނދަކު ތިހެނެއް ނުނިންމޭނެ

      7
      2
  2. މުހަންމަދު

    މައުމޫނުގެ ޒަމާނުގަ ނޫނީ ޔާމީނުގެ ޒަމާން ނަމަ މިއުޅޭ އެމް.ޑީ.ޕީ މީހުން ވަރެއް އަރުވާލީސް.....މުޒާހަރާކޮށް ...މަރުވިމީހާގެ އާއިލާ ގޮވައިގެން ބޭރު އެމްބަސީތަކަށް ގޮސް ސަރުކާރު ބަދުނާމު ކުރުމުގަ ހޭބޮނާރާ އުލޭނެ....

  3. އުގުރި

    މިވަގުތު ޖަލުތަކާއި ހަވާލު ވެގެން ހުރީ އެނާ ހިތުން ނުވަތަ އޭނާ ބުނާގޮތުން ވަނީނަމަ އިމްރާނަށް ވަހީ އަންނަ ކަމައް ވަނީ...

  4. އިބްރާހިމް

    ތިފަދަ ރޯ ބުހުތާނު ދޮގު މައުލުމާތެއް ދިން ފަރާތާއި ތިފަދަ މައުލޫމާތެއް ތަނެއް ދޮރެއް ބަލާނުލާ ލިޔާ ފަރާތް ވެސް މިނޫން ދުވަހެއް ވާނެކަން ދަންނަން ވާނެ.

    4
    1
  5. ސާމީ

    ށުބްހާނައްލޯހި ހެޔޮނުވާނެ ކަރެކްސަން އޮފިސަރުންގެވެސް ހިތެއްއޮވޭ ދެއތޯ

  6. ޟމމމ

    ކަރެކްޝަނަކީ ވަރަށް ކޮރަޕްޓްތަނެއް ގުޅީމަ ފޯނުވެސް ނަގާނީ ހިތައްއެރީމަ ދެން ޓީވީތަކަށް އަރާ މިކިޔަނީ ކީކޭބާ
    ސިޔާސީ މީހުންނަށް އެކަނި މުހައްމަދު ފުޅު ކަންކަން ކޮށްދޭނީ ދެންތިބަެނީ އިންސާނުންނެއްނޫ އެއްވެސް އިންސާނިއްޔަތުކަމެއްނެތް މީހެއް އެއީ