ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އެކަމުގެ ހަރަދު ދައުލަތުގެ ބަޖެޓަށް ބުރަވިޔަސް، ބައިއިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަން ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދެކޮޅު ހަދައިފިއެވެ.

އެ އޮތޯރިޓީގެ ފަރާތުން އެތަނުގެ ސީއީއޯ އަފްޝާން ލަތީފު ވިފާޅުވީ އެއީ ޑިމަކްރަޓިކް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށާއި އެގޮތަށް އެކަން ކުރަން ތާއީދު ނުކުރާ ކަމަށެވެ.

އަފްޝަން މިގޮތަށް ވިދާޅުވީ، ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުނުް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު އަތޮޅު ކައުންސިލްތަކުން ބާއްވާގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅީ އެ އިންތިހާބުތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭތީއެވެ. އެކަމަކު، އަފްޝަން ވިދާޅުވީ އެއީ ޑިމަކްރަޓިކް ގޮތް ނޫން ކަމަށެވެ.

"އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ހެދުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ބައި-އިލެކްޝަންތައް އީސީން ބޭއްވުމަކީ އިންތިހާއަށް ހަރަދުބޮޑު ކަމެއްކަން ގަބޫލުކުރައްވާ ކަމަށް އަފްޝަން ވިދާޅުވީ، - ވަގުތު އިމޭޖްސް

އޭނާ ވިދާޅުވީ، ބައި-އިލެކްޝަންތައް އީސީން ބޭއްވުމަކީ އިންތިހާއަށް ހަރަދުބޮޑު ކަމެއްކަން ގަބޫލުކުރައްވާ ކަމަށާއި އެކަން އެގޮތަށް ވަނީ އީސީން އިންތިހާބުތައް ބާއްވާ ނަމަ ސެކިއުރިޓީ ވަކި ފީޗާސްތަކަކާއެކު އިންތިހާބު ބާއްވަންޖެހޭތީ ކަމަށެވެ. އަދި، ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ބާއްވާ ނަމަ އެ ހުރިހާ ސެކިއުރިޓީ ސްޓޭންޑްތައް ހިފަހައްޓަން ނުޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން އެކަމުގެ ހަރަދު އިންތިހާއަށް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެބަ އޮތް ކޯރަމް ނުގެއްލޭ ނަމަ އަހަރަކު އެއްފަހަރު އޭ، ކޯރަމް ގެއްލޭ ނަމަަ އެލްޖީއޭއިން އީސީއަށް އަންގާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނެ ކަމަށް، ނަމަވެސް އަތޮޅު ކައުންސިލުން އިންތިހާބު ބާއްވާ ނަމަ މަހެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ" އަފްޝަން ވިދާޅުވިއެވެ.

ޕާޓީތަކުން ކުރަންޖެހޭ ހަރަދުވެސް ބޮޑު

އަފްޝަންގެ ވާހަކަތަކާއި ގުޅިގެން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، އަވަސް އަވަހަށް އިންތިހާބުތައް ބޭއްވުމުން އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވެސް ބޮޑެތި ހޭދަތައް ކުރަން ޖެހޭ ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް - ފޮޓޯ: މަޖިލީސް

"އަޅުގަނޑުމެން އެބަވިސްނަންޖެހޭ ޕާޓީތަކުން ކުރަންޖެހޭ ހަރަދަށް ވެސް. އަވަސް އަވަހަށް އިންތިހާބު ބާއްވަން ޖެހުމުން މޯޓިވޭޝަނެއް ނެތް. މި ހަރަދަކީ ހަމައެކަނި ދައުލަތުން ކުރާ ހަރަދެއް ނޫން. ޕާޓީތަކުން ވެސް މި ބައި-އިލެކްޝަންތަކަށް އެބަޖެހޭ ހަރަދުކުރަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަހަރަކު އެއް ފަހަރު އިންތިހާބު ބާއްވާ ގޮތަށް ހަދަން ސިޔާސަތު ބަދަލުވުމުން އިލެކްޝަންސް ކޮމިޝަނަށް ވެސް އިންތިހާބުތައް ބޭއްވޭނެ ކަމަށެވެ.

ގާނޫނުތައް މި ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިމިވަނީ، ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން އާންމުވެ، ބައި-އިލެކްޝަންތައް ބޭއްވުން އިންތިހާއަށް އިތުރުވެފައިވާތީއެވެ.