ދިވެހި ރާއްޖެއަކީ އޮންނަ ގައުމެއްކަން މިހާރު ބޭރުގެ ގައުމުތަކުން ނުދަންނަ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެން ރައީސް ރާމީން އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އިސްލާމް ދީނާއި ރާއްޖޭގެ ކަރާމަތު ހިފެހެއްޓުމަށް ކަމަށެވެ. އަދި ރައީސް ޔާމިނަށް އޭރުވެސް މިހާރުވެސް ގައުމުތަކުގެ އިހްތިރާމާއި ގަދަރު އެބަ އޮތްކަމަށްވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ. އޭނާ ވިދާޅުވީ ބޭރުގެ ދުނިޔެއިން މިހާރު ރާއްޖެ ނުދަންނަކަން އެނގޭ އެންމެ ބޮޑު އެއްމިސާލަކީ ރައީސް އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން އިބްރާހީމް މުހައްމަދު ސޯލިހް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގެ އެއްވެސް ފޮޓޯއެއް ބޭރުގެ މީޑީޔާއަކުން ނުފެނުން ކަމަށެވެ.

"އިނގިރޭސި ރާނީ އަވަހާރަވެގެން ރާއްޖެއިން ދިޔަ ވަފުދެއް. ބޮޑު ހަރަދުކޮށްފައިދިޔަ. އަޅުގަނޑުމެނަކަށެއް ބޭރުގެ ދުނިޔޭގެ އެއްވެސް ނޫހަކުން އެއިން މީހެއްގެ ފޮޓޯއެއް ދައްކައެއް ނުލާ. އަޅުގަނޑުމެނަށް އެއިން އެނގޭ އެއްޗަކީ ބޭރު ދުނިޔޭގައި މިއަދު ދިވެހި ރާއްޖެ އޮންނަކަން ބަޔަކު ނުދަންނަކަން. ދިވެހިރާއްޖެއަށް ބޭރު ގައުމުގެ އިންވެސްޓަރުންގެ ޝައުގުވެރިކަމެއް މިއަދަކު ނެތް. ބޭރުގެ ބަޔަކު އިތުބާރެއް ނުކުރޭ މިތަނުގައި ކަމެއް ހިނގާކަމަކަށް" އާދަމް ޝަރީފު ވިދާޅުވި އެވެ.

މަވެސް ޕީޕީއެމް ޖަލްސާގައި އާދަމް ޝަރީފް - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އާދަމް ޝަރީފު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކަކީ ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާ ކަމަށެވެ.

"ރައީސް ޔާމީން ޗައިނާއަށް ވަޑައިގެން ކުރެއްވި އެތައް މަސައްކަތްޕުޅަކުން އިންވެސްޓަރުންނަށް އިތުބާރު ލިބުނީމަ ޗައިނާގެ މީހުން އަމިއްލައަށް އިންވެސްޓްކުރީ މިތާގައި. އެހެންވީމަ އަޅުގަނޑުމެނަށް އެނގެނީ ރައީސް ޔާމީން ތަނަކަށް ވަޑައިގެން ހޯއްދަވަނީ މި ގައުމަށް ލާބަޔާ މަންފާކަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަނީ - ފޮޓޯ: ޕީޕީއެމް
އާދަމް ޝަރީފް ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަނީ - ފޮޓޯ: ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދަތުރު ކުރެއްވުމަށް ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދެއް ހަރަދުކުރައްވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ފާޑުކިޔުންތަކަށް ސަރުކާރުން އިިއްޔެ ވަނީ ރައްދުވެސް ދީފައެެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރު ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދަތުރުތަކުން ރައްޔިތުންނަށް ފައިދާވީތަން ނުފެނުނު ނަމަވެސް ރައީސް ސޯލިހް ކުރައްވާ ފަތުރުފުޅުތަކާއި އެއްކޮށް ރާއްޖޭގެ ނަން ބައިނަލްއަގްވާމީ ދުނިޔޭގައި ކުރިއަރާފައިވާ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކާއިއެކު އޮތް ގުޅުން މިހާރު ވަރަށް ރަނގަޅެވެ. އަދި އެއީ ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުންނެވެ.

"އެ ދަތުރުފުޅުތަކުގެ ނަތީޖާއަކީ، ރައްޔިތުންނަށް ލިބުނީ ކޮން ފައިދާއެއްތޯ، ރައްޔިތުންނަށް އޭގެ ސަބަބުން ކުރީ ކޮންކަހަލަ ފައިދާތަކެއްތޯ ނުވަތަ ރައްޔިތުންނަސް ލިބުނީ ކޯޗެއްތޯ؟ އަޅުގަނޑުމެންނަށް ފެންނަން އެހެރީ އޭގެ ނަތީޖާ މާ ރަނގަޅު ކަމަކަށް އަޅުގަނޑުމެންނަކަށް ނެތް ފެންނާކަށް" ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    ވައްކަން ކުރުމުގެ ފުރުސަތު ނެތީމާ ވަގުންނަށް މާޔޫސް ކަން ލިބޭނެ!

    1
    6
  2. ގލޅ

    ރ ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލްވުން ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެކެވެ އެހެންކަމުން
    ވީހާ އަވަހަކަށް މިސަރުކާރު ފެއަށްޖައްސައި ވެރިކަމުގެ
    ކަންކަން ރައްޔިތުންގެ ރައީސަށް ބަދަލުކުރަން ޖެހެއެވެ.

    6
    2
  3. އަސް

    ކޮންމެވެސް އެއްޗެއް ކިޔައިގެން އަގަ އަރުވާތި.

    2
    3