ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.

ވ.އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި އާދީއްތަ ދުވަހު ވެސް އޮންނާނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ގޮތުގައި މިހާތަނަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ޔާމީންގެ ޑްރައިވަރު އަބްދުﷲ ރަޝީދުގެ ހެކިބަސް ވަނީ ނަގާފައެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ޖަމާކުރި އެއްމިލިއަން ޑޮލަރާއި ގުޅިގެންނެވެ. ދައުލަތުން ބުނާ ގޮތުގައި އެއީ އާރަށް ކުއްޔަށް ދިނުމުގެ ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ޔާމީނަށް ދިން ފައިސާ އެވެ.

ނަމަވެސް ޔާމީންގެ ފަރާތުން ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ނަރީޝް އާއި އަބްދުﷲ ރަޝީދު ވަނީ އެއްމިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާއި ހަވާލު ކުރި ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަވް

    ޔާނޫ ވަރަށް ފައްކާ ވަކީލެއް އެބަ އުޅޭ ކެނެރީގޭ ހަތަރުފާރު ތެރޭ!! އޭނާ ލައިގެން ތި ހުރިހާ ފައިސާ ސުހާނާ ބްރޭންޑް ހަވާދަށް ހެދޭނެ!! އޭރަށް ޔާނުއަށް ވެރިކަން ވެސް ލިބޭނެ!!