ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޒޯން އެކެއްގައި މިހާތަނަށް ބައިލައްކަ އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ބޮޑު ތިލަދުންމަތީގައި އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ހއ، ހދ އަދި ށ އަތޮޅަށް ވަނީ އެ ހިދުމަތް ފޯރުކޮށްދޭން ފަށުމުން އެތަނުން 56،000 އަށް ވުރެ ގިނަ މީހުން މި ހިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މިއަދު ސަރުކާރުން ހައިސްޕީޑް ފެރީގެ ނިޒާމު ފަށާފައިވާ ކަމަށާއި އެތައް ރައްޔިތުންތަކެއް އެ ނިޒާމު ބޭނުންކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒޯން އެކެއްގައި ހިމެނޭ 41 ރަށުން މިހާތަނަށް 56،238 މީހުން އާރުޓީއެލް ފެރީގައި ދަތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ހދ. ގައި ޖޫން މަހު އަދި ހއ.ގައި ޖުލައި މަހު ރަސްމީކޮށް ވަނީ ފަށާފައެވެ.

ބޮޑުތިލަދުންމަތީ ދެ އަތޮޅު ކަމަށްވާ ހއ،ހދގައި އާރުޓީއެލް ފެރީ ހިދުމަތް ފަށާފައިވާއިރު މިއީ ސަރުކާރުން ހިންގާ ދަތުރުފަތުރު ނިޒާމްގެ އެންމެ ބޮޑު މަޝްރޫއެވެ. ސްޕީޑް ލޯންޗުތަކުގައި ފެރީ ދަތުރުތައް ފެށި މި ނިޒާމާއެކު އަގު ހެޔޮކޮށް ދަތުރުތައް ކުރެވޭނެ ކަން ސަރުކާރުން ފާހަގަކުރެވެއެވެ.

އިއްޔެ އޮތް ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހއ، އުތީމުގައި ހުންނެވުމެވުމަށްފަހު ރައީސް ސޯލިހް ދިއްދޫއަށް ވަޑައިގެންނެވީ ވެސް އާރުޓީއެލް ފެރީގައެވެ.

އާރުޓީއެލްގެ ފެރީ ނިޒާމްގެ ފުރަތަމަ ފިހަވަހީގައި ފެށީ ބޮޑުތިލަދުންމައްޗާއި ށ.އަތޮޅުގައެވެ.