ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.

މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެންވެސް ގުރުއަތުލުން ބާއްވާފައި ވެއެވެ.

އެގޮތުން ރޭ ގުރުއަތު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވެއެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވެފައިވަނީ 235 ސްޓާފުން ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައި ވެއެވެ.

ސްޓެލްކޯއިން ބުނީ، މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް 25 ސެޕްޓެމްބަރުގައި ސާރކިއުލާރއަކުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވިގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އޭގެ އިތުރުން، އެކި ސަބަބުތަކާއި ހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީން ކަމަށާއި، ދެ ކެޓަގަރީއަށްވެސް ވަކިވަކިން ގުރުއަތު ނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކަށް ލިބޭ ޔުނިޓްވެސް ނަގާފައިވަނީ ގުރުއަތުން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން ރޭ ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ސްޓެލްކޯ

ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައިވާކަން ސްޓެލެކޯއިން ފާހަގަކޮށްފައި ވެއެވެ.، މި ފަރާތްތަކަށް ފުރުސަތު ދޭނީ ރޭ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާ ކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުންނެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މިއީ އެއްބަޔަކަށް އުފާވެރި ރެއެއް ކަމަށާއި، އަނެއްބަޔަކަށް އުފާވެރިނުވިނަމަވެސް ހިތްހަމަޖެހުމެއް ލިބިގެން ދާނެ ރެއެއް ކަމަށެވެ. އަދި އެ ހިތްހަމަ ޖެހުން ލިބެނީ ދެފުއް ފެންނަ، އެއްވެސް އޮޅުވާލުމެއް ނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެން ދާތީކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

"ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްއެވެ.