ކޮންސްޓަރަކްޝަން ސައިޓް ތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު އަފްއާލް ރާއްޖޭގެ ހުރިހާ ކުންފުނިތަކެއްގެ ކިބައިން އިލްތިމާސްކޮށްފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގައި ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެއްގެ މޫނަށް ހަ ފޫޓުގެ ދަނގަޑެއް ހެރުނު ކޭސް އާއި ގުޅޭގޮތުން މިއަދު އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްއާލް ވިދާޅުވީ ބިދޭސީ މަސައްކަތް ތެރިއާގެ ފުރާނަ ސަލާމަތް ކުރެވުނީ އެ ހޮސްޕިޓަލްގެ ގިނަ ޑޮކްޓަރުންތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

ނަމަވެސް އެފަދަ ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު މި ކޭސްގައި ދިމާވި ގޮތަށް ދިމާނުވުން އެކަށީގެންވާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ސައިޓް ތަކުގައި މަސައްކަތްތެރިންގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ބިދޭސީއެއްގެ މޫނަށް ހަ ފޫޓުގެ ދަނގަޑެއް ހެރުނު ކޭސްއާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް

ކޮންސްޓްރަކްޝަން މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތުން އެމީހުންގެ ދަށުން މަސައްކަތްކުރާ މީހުނަށް ސަމާލުކަން ދީގެން އެމީހުނަށް ރައްކާތެރި ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އަފްއާލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ކޮންސްޓްރަކްޝަން ފަދަ މަސައްކަތް ކުރާ ތަންތަނުގައި އުސޫލުތައް ވަރުގަދަ ކުރަން ޖެހޭ. އެފަދަ އުސޫލުތައް ރާއްޖޭގައި އެބަހުރި އެކުލަވާލާފައި. އެކަމު ހިތާމައަކީ ގިނަ ފަރާތްތަކުން އެ އުސޫލުތަކަށް އަމަލު ނުކުރުން." އަފްއާލް ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާގުޅޭ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އަފްއާލް ވަނީ އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    މަސައްކަތްތެރިން އަމިއްލަ ރައްކާތެރިކަމަށް ނުވިސްނަހަދުވަހަކު ސައިޓުން ރައްކާތެރިކަމެއް ނާންނާނެ.