ކުޑަކުދިން ހޮޑުލެވޭ ރޯގާއެއް މާލޭ ސަރަހައްދުގައި ފެތުރި، އައިޖީއެމްއެޗްއާއި އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމު ފުރިއްޖެއެވެ.

މާލެ ސަރަހައްދުގައި ހޮޑުލެވޭ ރޯގާއެއް ފެތުރި ރެއިން ފެށިގެން އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ގެންގޮސްފައެވެ. އެކަން އެ ހޮސްޕިޓަލްތަކުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މިވަގުތު ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ތިބިއިރު، އައިޖީއެމްއެޗްއަށް ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު، އަހްމަދު ފައިސަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ރެއިން ފެށިގެން މާލެއިން ކުއްލިއަކަށް ގިނަ ބަޔަކު ބޭރަށް ހިނގުމާއި، ހޮޑުލުން އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން އެކަމުގެ ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އަދި މި ބަލި ކޮންޓްރޯލް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.