އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ވޯޑެއް ހުޅުވައިފިއެވެ. މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި އެ ވޯޑް ހުޅުއްވާދެއްވެވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަމުން ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވާފައެވެ. އެގޮތުން އައިޖީއެމްއެޗްގައި އިތުރު ހިދުމަތްތައް ތައާރަފްކޮށް ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު ފެށިގެން މިދާ އޮންކޮލޮޖީ ވޯޑުގެ ހިދުމަތަކީ، ވަރަށް މުހިންމު ހިދުމަތެއްކަމަށް ވިދާޅުވިއެވެ.

"ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް މިސަރުކާރުން އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށްވެސް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ދަނީ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަނީ ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރެވިފައި." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ, ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު، ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ހިދުމަތްތައް އެ ހޮސްޕިޓަލްތަކުގައި ފެށިގެންދާތަން ފެންނަމުންދާ ކަމަށެވެ.

ނައިބު ރައީސް މިއަދު ހުޅުއްވައި ދެއްވި، އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ، އަށް އެނދުގެ ވޯޑެކެވެ. އެވޯޑުގައި ބަލި މީހުންނަށް ހާއްސަ ދެ ފާހަނައާއި، ނާސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީީހެއް ހުންނާނެއެވެ.

ގައިގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ކެންސަރަކީ ރާއްޖޭގައި ހަލުވި ކަމާއެކުގައި ފެތުރެމުންދާ ބައްޔެކެވެ. ނަމަވެސް ރާއްޖޭގައި ކެންސަރަށް އެދެވޭ ވަރުގެ ފަރުވާއެއް މިހާތަނަށް ދެވޭނެ އެއްވެސް ހޮސްޕިޓަލެއް ގާއިމްކުރެވިއެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއިއްޒު 2023

    ކެންސަރަށް ހާއްސާ ވޯޑެކޭ ބުނީމަ ހީވަނީ ވަރަށް ހާއްސަ އާލާތްތައް ހުންނާނެހެން. ހަބަރު ކިޔާލީމަ މިއިނގެނީ ހުސް ކޮޓަރިއެއްގަ އެނދުތަކެއް އަތުރާލާފަކަން.

  2. ޑައެލޯގް

    އަހަރުމެން އިބޫއަށް ކަމެއްކުރެވޭ ކަންތަކަށްބަލާނީ މިއަހަރު ނިންމާ ކަންތަކާއި މަސައްކަތް ފަށާފައިވާ ކަންކަމުގެ ތެރެއިން %40 ނިމިފައިވާ ކަންކަމެވެ. އިންތިހާބަށް މިހާރު ފަށާކަންކަމަކީ ވާނެކަންކަމެއްނޫނެވެ. އެއީ ވޯޓުގަތުމަށް ދެވޭ ރިޝްވަތެކެވެ.