ރ. އަތޮޅު ދުވާފަރުގައި ދޯންޏެއްގައި ރޯވެ ފިހުން ތިން މީހުންގެ ހާލު ރަނގަޅު ކަމަށް އެ މީހުންގާ އާއިލާތަކުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އެ ހާދިސާ ހިނގީ ދުވާފަރުގައި ހުއިފިލަނޑާ ނެގުމުގައި މަސައްކަތް ކުރަމުން އަންނަ ދޯންޏެއްގައެވެ. އެ ހާދިސާ ހިނގީ އެ ދޯނި ސާފް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ބޮޑަށް ބެެލެވޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެ ދޯނި ސާފް ކުރުމަށް ބޭނުން ކުރި ކެމިކަލެއްގެ ސަބަބުންނެވެ.

އެ ހާދިސާގައި ތިން މީހަކު ފިހުނެވެ. އެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ދުވާފަރުގެ ސިއްހީ މަރުކަޒުގަ އެވެ. އަދި ފަހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރި އެވެ.

އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އެކަކު ދޫކޮށްލިއިރު އެނެއް ދެ މީހުންނަށް ދޭނެ އިތުރު ފަރުވާ ނެތިގެން މިދިޔަ ހޯމަ ދުވަހު ވަނީ އައިޖީއެމްއެޗްއަށް ގެނެސްފަ އެވެ.

ފިހުނު މީހެއްގެ އާއިލާ މީހަކު ބުނީ ދެ މީހުންގެ ގައިގައި އެކި ތަންތަން ފިހުނު ކަމަށެވެ. އޭގެ ތެރޭގައި ބާމައްޗަާއި، މޭމައްޗާއި، އަތާއި ފައި ހިމެނޭ ކަމަށް ބުންޏެވެ.

ނަމަވެސް އައިޖީއެމްއެއްޗްއަށް ގެނައި ފަހުން ހާލު ރަނގަޅު ކަމަށާއި އެ މީހުން މިހާރު އޮތީ ޕްރައިވެޓް ވޯޑުގައި ކަމަށް އާއިލާއިން ބުނެއެވެ.