މާލޭގައި މިހާރު ފެތުރެމުން އަންނަ ރޯގާ ޖެހިގެން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން އޭޑިކޭ ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މާލޭގެ ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކަށް ބޭރަށް ހިނގުމާއި ހޮޑުލުމުގެ ރޯގާ ވަނީ ޖެހިފައެވެ. މިއާއެކު މާލޭގައި ހިންގާ ގިނަ ހޮސްޕިޓަލްތައް ތޮށްޖެހުނެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ އިމަޖެންސީ ރޫމުތައް ފުރި ބައެއް ހޮސްޕިޓަލްތަކުގައި ވަނީ އިތުރު ތަނެއް ވެސް ހެދިއެވެ.

އޭޑިކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލު "ވަގުތު"އަށް ވިދާޅުވީ ހޮޑުގެ ރޯގާއާ ގުޅިގެން ރޭ ދަންވަރުން ފެށިގެން މިހާތަނަށް 226 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.

"މެންދުރު ފަހުން ފެށިގެން އާދައިގެ ހާލަތަކަށް ހޮސްޕިޓަލް ވަނީ އައިސްފައި. އެމާޖެންސީގައި ހުޅުވި އޯޕީޑީވެސް ވަނީ ބަންދު ކޮށްފައި". އައްފާލް ވިދާޅުވިއެވެ.

މާލޭގައި ހޮޑުގެ ރޯގާ ފެތުރުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މާލޭ ސަރަހައްދުގައި ބޭރަށް ހިނގުމާއި ހޮޑުލުން ކުއްލިއަކަށް އިތުރުވެފައިވާކަން ފާހަގަ ކުރެވި، އެކަން ހިނގަން މެދުވެރިވި ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.