ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހްގެ ބިލު ތައްޔާރުކުރުމަށް އަންނަ ހަފްތާގައި އެކި ފަރާތްތަކާއެކު މަޝްވަރާތައް ފަށާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެކަމާ ގުޅޭ ގޮތުން ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖާކޮށް ގާނޫނު އަސާސާސީއަށް ގެންނަން ޖެހޭ އިސްލާހްގެ ބިލް މިދައުރުގެ ތެރޭގައި މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލް ތައްޔާރުކުރުމުގެ މަޝްވަރާތައް އެ އޮފީހުން ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެބިލް ތައްޔާރުކުރުމުގެ ކުރިން ކޯޓުތަކާއެކު މަޝްވަރާކުރަން އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.

"އިސްވެ ދެންނެވުނު ބިލު އެކުލަވާލުމުގެ މަސައްކަތައް ބޭނުންވާ ހިޔާލާ މަޝްވަރާ ހޯދުމަށްޓަކައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހި ރާއްޖޭގެ ހައިކޯޓާއި ދަށުކޯޓުތަކާއި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެނޫންވެސް ކަމާ ބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށުމަށް މި އޮފީހުން ވަނީ ނިންމާފައެވެ." ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީ ބަދަލުކުރާނެ ގޮތުގެ ބިލު ތައްޔާރުކުރަނީ ޖޭއެސްސީއަކީ ދެފުށް ފެންނަ، އަދި ސިޔާސީ ނުފޫޒުން މިނިވަންވެފައިވާތަނެއްކަން ކަށަވަރުކުރުމަށްޓަކައި ބައިނަލް އަގުވާމީ ހަމަތަކަށް ރިއާޔަތްކޮށް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު އޮވެ އެކަން ނުކޮށް އޮތުމަށް ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގެ ކޮންޓްރޯލް އޮންނަނީ ސަރުކާރުގަ އެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެއިން އިންނަވާއިރު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ޖޭއެސްސީގައި އިންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    އަދިތަންކޮޅެއް އަވަސްއަންނައަހަރު ޖޫންމަހާ ހަމައަށްމަޑުޖައްސާލަންފެނޭ

  2. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ޖުޑިޝަރީ އޮންނަން ބޭނުންވަނީ އެމީހުން މޮޑޭ ފުއްގަޑެއްހެން އެމިހުން ކުރާ ގޯސްކަންތަށް ފޮރުވާދޭ ތަނެއްގެ ގޮތުގައި އޮތުމަށް، ދައުލަތުގެ ތިންބާރުގެ ތެރެއިން ދެބާރު މިއޮންނަނީ ޖުޑިޝަރީ ތެރެޔަށް ވަދެ މިކުސްވެފައި، ޖުޑިޝަރީ ވެސް މުސްތަޤިއްލުވާންޖެހޭ ، ޖުޑިޝަރީގެ ހިންގަންޖެހެނީ އުއްތަމަ ފަޑިޔާރު !