ނަފްސާނީ ބަލީގެ މީހުންނާމެދު މުޖުތަމަޢުއިން ދެކޭދެކުން ބަދަލުކޮށް، އެފަދަ މީހުން ބާކީކޮށްލުމުގެ ވިސްނުން ދޫކޮށްލަންޖެހޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ހަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ރާއްޖޭގައިވެސް ނަފްސާނީ ބަލިމަޑުކަމަށް ފަރުވާ ބޭނުންވާ ވަރަށް ގިނަ މީހުން އެބަތިބިކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށްޓަކާ ދެވޭ ޚިދުމަތްތައް ފުޅާކުރަންޖެހޭކަމަށާއި، ރައްޔިތުންނާއި ގާތުން އަގުހެޔޮކޮށް މި ޚިދުމަތްތައް ލިބެންޖެހޭނެކަން މިއަދު ޤަބޫލުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަކީ މިއީ ހަމައެކަނި ވަކި ބައެއްގެ ޒިންމާއެއް ނޫންކަމަށާއި، މިއީ މުޅި މުޖުތަމަޢު އެކަމެއްގައި ބައިވެރިވާންޖެހޭކަމަށެވެ. އަދި ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގެ ވިސްނުން ބަދަލުކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި ނަފްސާނީ ބަލިމީހުންނަކީ އެކަހެރި މީހުންކަމުގައި ނުހަދާ، އެމީހުންނަކީވެސް މުޖުތަމަޢުގެ ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮތްބައެއްކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވާޖިބެއް" ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"ވޯލްޑް މެންޓަލް ހެލްތު ޑޭ" ފާހަގަކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)އާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އަދި ސެންޓަރ ފޯރ މެންޓަލް ހެލްތުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ޖެންޑަރ މިނިސްޓްރީގެ އިތުރުން ސަރުކާރާއި އަމިއްލަ ބައެއް މުއައްސަސާތަކާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ.