ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް، އުސޫލުތަކާއި ހިލާފަށް ހިންގާފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

އެެހެންވެ އެ މައްސަލަ ތަހުގީގުކުރަން މިދިޔަ އޮގަސްޓުމަހުގެ 25 އިން މިދިޔަ މަހުގެ އަށަކާއި ހަމައަށް އޭސީސީގެ ހާއްސަ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތެރިވެފައެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު، މިކަމާގުޅިގެން ދައުވާކުރެވޭނެ މީހުންގެ މައުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު އެެ އޮފީހުން ހާމަކުރަމުން ގެންދާނެކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުން ކުރާ އިރު ހިސާބުތައް ނުބަލަހައްޓާ ކަމަށް ބުނެފައިވެއެވެ.

އޭގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް ލިބިފައި ވަނީ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. އޭނާ އަށް ނަގުދު ފައިސާ އާއި ޖަމާކޮށްފައިވާ ފައިސާގެ އަދަދު 711،617.58ރ. އަށް އަރައެވެ.

މީގެއިތުރުން ކައުންސިލް މެމްބަރު މުހައްމަދު ޝާމް އަށް 447،837.44ރ.، ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް 252،048ރ.، ކައުންސިލް މެމްބަރު ޒުހުދާ އާދަމަށް 181،666.08ރ، ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހަށް 165،200.79ރ، ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އަށް 128،696.47ރ.، ކައުންސިލް މެމްބަރު އައިމިނަތު ސަލާހު އަށް 119،535.99ރ.، އަންހެނުންގެ ކޮމިޓީ ރައީސް އައިމިނަތު އަހުމަދަށް 67،820ރ. އަދި ހަވާލު ކުރި މީހެއް ނޭނގޭ 21،981 ހިމެނެއެވެ.