ޗެއިން އޮޕް ކަސްޓަޑީ ފޯމް ނެތްނަމަވެސް ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ވާނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތައް ނިންމީ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަމަށް ބުނެ ދާދިފަހުން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ދެންމެ ސުޕްރީމް ކޯޓުން ނެރުއްވި "ޕްރެކްޓިސް ޑައިރެކްޝަން" އެއްގައެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކުރެވިފައިވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާއި މެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ އެތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާއި ގުޅިގެން ޝަރީއަތައް ހާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭނަމަ، އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެ ކަމަށެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުން އެއް ކުރާ ހެކި ފުލުހުންގެ ތެރޭގައި އެކަކު އަތުން އަނެކަކު އަތަށް ގެންދާއިރު، އެ ހެއްކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ކަށަވަރު ކުރަން، ހެކިތަކަށް އެވިޑެންސް ނަމްބަރު ދީ، އެ ތަކެއްޗާ ހަވާލުވި ފަރާތްތަކުގެ މައުލޫމާތާއި، ހަވާލުވި ވަގުތާއި ތާރީހުތައް ހިމަނައި އެ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ގެންދިޔަ ގޮތުގެ ސިލްސިލާ އެނގޭ ލިޔުންތަކެކެވެ.

ޗެއިން އޮފް ކަސްޓަޑީ ފޯމްގައި މައްސަލަތައް ހުރެގެން މީގެ ކުރިން މަސްތުވާތަކެތީގެ އެތައް މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން މިނިވަންވެފައި ވެއެވެ. އެހެންކަމުން މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ މަސްތުވާތަކެތީގެ މައްސަލަތައް ސާބިތުކުރަން ދައުލަތައް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ނިންމުމެކެވެ.

މީގެ ނުވަ ވަރަކަށް އަހަރު ކުރިން އިންޑިއާއިން ރާއްޖެ އަށް އައި މީހަކު އަރައިގެން ހުރި ބޫޓުގެ ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީއާ ކޯޓަށް ހުށަހަޅާފައި ނުވުމުން މިދިޔަ މަހު އެދެމީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވަގުންގެސާރކާރު

    ދެން މިހާރު އުންސުރު ހަމަވާނެ. އެކަމް ފަންސުރު ހަމަ ނުވާނެ. ރަބަރުގަނޑު އެކަނި ހަމަވާނީ

    18
  2. ޝަޒީމާ ސޯލިހު / މަނަދޫ

    ސަދޫމް ކޯޓުތައް....... ބޯހާވާލާކާޅު

    14
  3. ބު ރިގާ ޑިއަރސް

    ދޯ ޝަޒީން! ކުށްވެރިންނަށް ހުރިހާ މޯލެއް

  4. Anonymous

    ފޯމުތަކަށް ނަޒަރެއް!
    ------------------
    ފޯމެއް ނެތިއްޔާ މަރުވިޔަސް ވަޅުވެސް ލެވޭކަށް ނޯވެޔޭ
    ކޯމާއަކަށް މީހަކު ދިޔަސް ފަރުވާ ދެވޭކަށް ނޯވެޔޭ
    ފޯމެއް ނެތިއްޔާ ވަރިވިޔަސް ވަރިސާބިތެއް ނުމެވެޔޭ
    ފޯކޭ ކިޔާ އިރުގައި އެކަން ސާބިތު ވެވޭކަށް ނޯވެޔޭ
    ފޯމެއް ނެތިއްޔާ މަސްތުވާ އެއްޗެއް ކަމެއްވެސް ނޭނގެޔޭ
    ފޯމެއް ނެތިއްޔާ ފޫޅުވެސް ދަރިޔެއްގެ ވިހެޔަސް ނުކެނޑެޔޭ
    ފޯމެއް ކަލޭނޭ ތިޔަ އޮތީ އެފުރާށެ ޚިދުމަތް ހޯދުމަށް
    ފޯމަރ ރައީސް މައުމޫނު ފެށި ކުޅިއެއް މި ހުއްޓޭކަށް ނެތޭ
    ފޯމުގެ ބަލާވެރިކަން މިއައި ޓެކްނޯލޮޖީއިން ފޮހެލިޔަސް
    ހާމުންޑި އެދުރުން ރޯނުގޭ މި ބަލާ މިއަދު ޖައްސައިފިޔޭ

    އަކޫބަބްރު އާދްމީ
    މަނަދޫ ބަކަރިބެ

    10
  5. ޝަޒީމާ ސޯލިހު / މަނަދޫ

    ސާބަހޭ ބަކުރުބޭ! ތީ މެނެއް!

  6. ހާރޭ

    ފޯމުލައިގެން...
    ހާރޭ
    --

    ކުއްޖާ ވިހޭނަމަ ނަން ކިޔާން ނަންފާސްކުރަން ލާނޭ ދެފޯމް
    ކުއްޖާގެ އައިޑީ ކާޑު ހޯދަންވެސް ލަނީ އެން.އާރް ފޯމް
    ކިޔަވާ ސުކޫލަށް އެޑްމިޝަން ވަންނާންވުމުން ލާނީ އެފޯމް
    ކިޔަވައި ނިމުންކަން އެންގުމަށް ލީވިންނަގާން ލާނީ މިފޯމް
    ބާލިޣުވުމުން ބާލިޣުވި ފޯމް އިންނާންވުމުން ކައިވެނި ދެފޯމް
    ހާލަކު އުޅެން ޖެހުމުން އެވީ ވަރިވާން އެލާ ވަރިވާ ހަފޯމް
    ތުނބުޅީގެ އިސްތަށިބޭލުމަށް ލާންވީ ވަށައިގެންވެސް މިފޯމު
    ދުނބުޅީގެވަސް ނައްތައިނުލާ މައުމޫނު ވެއްޖޭ އަދު ރިފޯމް
    އެއްވެސް ކަމެއް ފޯމާ ނުލައި ނުކުރާތި މީހަކު އާދެ ފޯމް
    ކަށްވަޅު ތެރޭވެސް ނޯވެވޭ މަރުފޯމު ނުލިނަމަ ރާއްޖެފޯމް

    ހާރުއް ރަސީދު
    މަނަދޫ ރައިވަރޭ

  7. ުޗީޑީ

    ދެން ފުލުހުން ސާބިތުކުރަން ބޭނުންވާ އެއްވެސް މައްސަލައެއް ސާބިތު ނުކޮށެއް ނުނިމޭނެ. ޗެއިން އޮފް ކަސްޓަޑީގެ މުޅި ބޭނުން ތި ކެނޑުނީ! !!!!!

    8
    1
  8. ކޮރަލް

    ރާވައިގެން މީހުން ދޫ ކުރަނީ އެވެ. އެކަން ކުރާ ބަޔަކު ހައްޔަރު ކުރަން ވީ އެވެ.

  9. ވަކީލުމީހާ

    ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫނެވެ. ފަނޑިޔާރުން ގާނޫނާ ހިލާފުވުމަކީ ގާނޫނުއަސާސީގެ 142 ގައި މަނާކޮށްފައިވާ ކަމެކެވެ.

    މި ފަދައިން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ގާނޫނުއަސާސީގެ 141ގެ (ނ)އާ ވެސް ހިލާފުކަމެކެވެ. ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ސްޕްރީމް ކޯޓުން ވިޔަސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

    ސްޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނަކީ ގާނޫނުއަސާސީގެ 143ގެ (ރ) އަށް ފެއްތޭނެ އެއްޗެއް ވެސް ނޫނެވެ. އެއަށް ދަށު ކޯޓުން ތަބާވާން ނުޖެއްސޭނެއެވެ.

    މި ނުކިއްސަރު ހަރަކާތް ސްޕްރީމް ކޯޓުން ވަގުތުން ހުއްޓަން ޖެހެއެވެ.

  10. އަބްދޫ

    ކޯޓް ތަކާއި ފަނޑިޔާރުން ކުށްވެރިނުކުރޭ . ހުރިހާވެސް މައްސަލަޔަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާ އާއި ހެއްކާއި ބެހޭ މާއްދާތައް. ގާނޫނުއަސަސީގެ މި ބައިތައް ލިޔެފަވަނީ ކުށްވެރިން ދޫވާގޮތަށް އެ އީ ވައްކަމުގެ ހުކުމެއް އޮތް މީބހުނަށް ވެސް ގާނޫނުއަސަސީގެ 109 ވަނަ މާއްދާއާއި ހިލާފަށް ވެރިކްނެދެވޭގޮތަށް.