ތަފާތުކުރުމެއްނެތި ރީ ބްރޯޑްކާސްޓިންގެ ވިޔަފާރި ކުރެވޭނެ ގޮތް ހަދަން ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ގަރާރުގެ ހުށަހެޅީ ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހަބަރާއި މައުލޫމާތު ފެތުރުމާއި އަދި އުނގެނުމާއި މުނިފޫހިފިލުވުމުގެ ހިދުމަތްދޭ ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ވާދަވެރި ވިޔަފާރީގެ މާހައުލު ސިޔާސީ ގޮތުން ނުފޫޒުގަދަ ވަކި ފަރާތްތަކެއްގެ ބާރުން ނައްތާލާ ކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތްދެމުންދާ ކުދި އޮޕަރޭޓަރުންގެ ވިޔަފާރި އެއްކޮށް
ފުނޑާލައި ވަކިބަޔަކަށް ނާޖާއިޒު ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ކުރިމަތިކުރަމުންދާ ދަތިތަކާއި ހުރަސްތަކާއި ތަފާތުކުރުންތައް ރައްޔިތުން މަޖިލީހުގެ ޕާލިމަންޓަރީ އިންކުއަރީއެއް މެދުވެރިކޮށް ދެނެގަނެ، އެ ހުރަސްތައް ނައްތާލުން ވެސް ގަރާރު ހުށަހެޅި މަގްސަދުތަކުގެ ތެރޭގައި ބުނެފައި ވެއެވެ.

ޝިޔާމް ވިދާޅުވީ ބްްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި، ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި މެމްބަރުން ޖެހި އެ ގާނޫނުގެ މަގްޞަދު ގެއްލޭގޮތަށް ވަކި ފަރާތްތަކަކަށް ކަނޑައެޅިގެން ނުހައްގު ނާޖާއިޒް މަންފާތައް ލިބޭނޭ ފަދައިން ގާނޫނުން އެ ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭންފެށި ސިޔާސީގޮތުން ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންތަކެއްގެ ހިއްސާއޮތް މީޑިއާނެޓް ކުންފުންޏަށް ވާދަވެރިކަމެއްނެތި މުޅި ރާއްޖޭގައި އެ ވިޔަފާރީގެ ކޮންޓްރޯލު ހޯދާދިނުމުގެ ބޭނުމުގައ ބްްރޯޑްކާސްޓިންގ ކޮމިޝަން މެދުވެރިކޮށް ކޭބަލްޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާއި ގުޅޭގޮތުން ތަފާތު ޝަކުވާތައް މީޑިއާނެޓްގެ ފަރާތުން ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން އެޝަކުވާތައް އިންސާފުގެ ހަމަތަކުން އެއްކިބާވެތިބެ ބަލައި އެފަރާތްތަކަށް ފިޔަވަޅު އަޅައި ހިދުމަތްތައް ހުއްޓުވާފައިވާކަމުގެ ގިނަ ޝަކުވާތަކެއް ރާއްޖޭގެ އެކި ހިސާބުތަކުން ލިބިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރަށްރަށުގައި ހެޔޮ އަގެއްގައި ކޭބަލް ޓީވީގެ ހިދުމަތްދެމުން އައި ވިޔަފާރިތައް ހުއްޓުވުމުން އެއަށްވުރެ ބޮޑު އަގެއްގައި މީޑިއާނެޓުން ހިދުމަތް ހޯދުމަށް މަޖުބޫރުވުމުން އިގްތިސާދީގޮތުން ވަރަށް ދަތި ހާލަތެއްގައި އޮތް މިދަނޑިވަޅުގައި ރައްޔިތުން ބޮޑު މާލީ ބުރައެއް އުފުލަންޖެހިފައިވާތީއާއި، އަތްފޯރާފަދަ އަގެއްގައި ރައްޔިތުން ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ހިދުމަތް ހޯދޭނެ ފުރުސަތު ދަނީ ގެއްލެމުން" ޝިޔާމް ވިދާޅުވި އެވެ.

އެހެންކަމުން ހުރިހާ ރައްޔިތުންނަށް މައުލޫމާތާއި ހަބަރާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ މުހިއްމު ހިދުމަތް އެންމެ އެދެވޭގޮތުގައި އަތްފޯރާފަދަ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރީގެ ހަމަހަމަ ފުރުޞަތުތައް ރީ ބްރޯޑްކާސްޓިންގ ވިޔަފާރީގެ ތެރޭގައި އޮތުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމުގައި ދެކޭތީ، މި ވިޔަފާރީގެ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތައް ބެލުމަށް ޝިޔާމް ގޮވާލެއްވި އެވެ.

އަދި އެ ވިޔަފާރީގައި ހަރަކާތްތެރިވާ ވަކިބަޔަކު ބްރޯޑްކޮމް މެމްބަރުން ކޮންޓްރޯލްކޮށް
އެބޭފުޅުންނަށް ފޯރުވާ ނުފޫޒުތައް ދެނެގަނެ އެބޭފުޅުން ޖަވާބުދާރީކުރުވުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލަމަންޓަރީ އިންކުއަރީއެއް ހަދަން ވެސް އޭނާ ގޮވާލެއްވި އެވެ.