ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަށް ނާސާގެ ކުރީގެ އެސްޓްރޮނޯޓް ކެޕްޓަން ހެއިޑީމެރީ ސްޓެފަނީޝީން ޕައިޕާ ތައުރީފް ކުރައްވައިފި އެވެ.

ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ބުނީ އެ އިދާރާއާއި އެކު ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ރާއްޖެއިން ސެޓެލައިޓެއް ލޯންޗް ކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ހެއިޑީ ގެ އިތުރުން އެމެރިކާގެ އޮފިޝަލުންވެސް ތައުރީފް ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ސްޕޭސް ޓީމަށް ނެނޯ ސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯހުގެ ސެޓްފިކެޓް ހަވާލު ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވެސް ހެއިޑީ އެވެ.

ސެޓެލައިޓް ޑިޒައިންކޮށް ބިލްޑްކޮށް ލޯންޗްކޮށް ސައިންޓިފިކް ރިސާޒް ހަދަން ދަސްކޮށްދޭ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެގޮތުން ހަދާ ސެޓެލައިޓެކެވެ.

އެ މިޝަންއަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލާފައިވަނީ ހަތް މެންބަރުންގެ ޓީމެކެވެ. އެ ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުންދަށުގެ ދެ ޖިންސުގެ ދިވެހި ޒުވާނުންނެވެ.