އަންހެނުން ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ގަނޑުކޮށް ބޭއްވުމަކުން ހަރަދުތައް ކުޑަކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ފެންނަނީ ލާމަރުކަޒީ ނިޒާމުން ގައުމު ހިންގާނެ ގޮތް މަޖިލީހަށް ވެސް ދެނެނުގަނެވިގެން އުޅޭތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އަންހެނުން ކޮމެޓީތަކުގެ ބައި އިލެކްޝަންތައް މާގިނައިން ބާއްވަން ޖެހި، އިލެކްޝަން ކޮމިޝަނުން އެކަމަށް ކަނޑައެޅި ބަޖެޓު ހުސްވުމާއި ގުޅިގެން އެކަމަށް ފަރުވާ ކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ބައި އިލެކްޝަންތައް ގަނޑުކޮށް ބޭއްވުމަށް ހުށަހަޅާފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހަށް ބަހުސް ކުރައްވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ އެއްފަހަރާ އިންތިހާބުތައް ބާއްވަން ނިންމުމަކުން އަދި އިންތިހާބުތަކަށް ކުރާ ހަރަދު ކުޑަ ކުރެވިދާނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ. އަދި، ފުރަތަމަ އެންމެ އިސްކަމެއްދީގެން މަޖިލީހުން ވެސް ބަލަންވީ ދިމާވެގެން އުޅެނީ ކޮން މައްސަލައެއްތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރުގެ މިހާތަނަށް އައިއިރު ޑަބްލިއުޑީސީގައި 38 ބައިއިލެކްޝަން ބާއްވަން ޖެހުނު ސަބަބަކީ ކޮބައިތޯ؟ އެ ދިރާސާ ކުރަންވީ. ކޮމެޓީ މަރުހަލާގައި އެއަށް ވާހަކަ ދައްކަންވީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކުގައި ދެ ބިލެއް ދިރާސާ ކުރަމުންދާ ކަމަށެވެ. އެހެންވެ، އަސްލު ލާމަރުކަޒީ އުސޫލުން ގައުމު ހިންގަންވީ ގޮތް މަޖިލީހަށް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ވެސް، މި މަޖިލީހަށް ވެސް ނޭނގޭހެން އަސްލު ލާމަރުކަޒީ އުސޫލުން މިގައުމު ހިންގަންވީ ގޮތެއް." ރިޔާޒް ވިދާޅުވިއެވެ.

ރަށްރަށަށް ރައްޔިތުންގެ ގާތަށް ދިއުމުން އަތޮޅު ކައުންސިލްތަކުގެ ބޭނުމާއި ދޭތެރޭ ވެސް ރައްޔިތުން ޝަކުވާ ކުރައްވާ ކަމަށާއި އެއީ ހަމައެކަނި ފަޅުރަށްރަށް ވަރުވާއަށް ދޭން ތިބޭ ބައެއްތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އަހަރު ނިމޭއިރު އެންމެ މައްސަލައެއްގެ ޝަރީއަތް ނުހިންގާ ފަނޑިޔާރުން ވެސް އެބަތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ޕާފޯމަންސް މެނޭޖްމެންޓެއް ހެދެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"އަޅުގަނޑުމެން ގައުމަށް އެކަށޭނެ ސިސްޓަމެއް ތޯ އަޅުގަނޑުމެން މި ހުށަހަޅަނީ؟ މިއީ އަޅުގަނޑުމެން ދިރާސާ ކުރަން ޖެހޭނެ އެއްޗެއް." އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޢާފް ސަލީމް

    އަނހާ ކޮބައި މިހާރު އެއްކަލަ ޕްލެޓްފޯމް އަދިވެސް ނުލިބެނީ؟

  2. މަގޭޚިޔާލު

    ކޮބާ. އަމިއްލައަށް ތިޔަ ބުޅާ ގޯނިން ބޭރުވީ. ތިވަރު ނޭނގޭބަޔަކު މިގައުމުގެ ވެރިކަމަށް އަންނަން ތިއުޅެނީ. ނުވާނެ ތިކަމެއް.

  3. މުހަންމަދު

    ލާމރުކަޒު ހިންގާނެ ގޮތް އަދަމް ޒާހިރަސް ކިޔައިދީ......