މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެެފައިވާ ކަމަށާއި، ބައެއް މީހުންނަށް އެ ބަލީގެ ނުރައްކާ ބޮޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ސެޕްޓެމްބަރު މަހާ އަޅާކިޔާއިރު، މި މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރު ކަމަށެވެ. އަދި އާއްމު ގޮތެއްގައި ވިއްސާރަ މޫސުމާއި ޑެންގީ އުޅޭ ނިސްބަތް އިތުރު ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މިއީ ގިނަގިނަ ވިއްސާރަ ކުރި އަހަރަކަށް ވުމުން މިހާރުވެސް ވިއްސާރަ ކުރުމާއި ގުޅިގެން މަދިރި އާލާވެ އިތުރުވުން ކުރިއަށް އޮތްތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އެޗްޕީއޭ އިން ވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބަލި ނައްތާކުމަށް މަދިރި އުފެދި އާލާވާ ތަންތަން ނައްތާލަން ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭ އިން ބުނީ، ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރުން، އެހެނިހެން ނުރައްކާތަކާއި ކުރިމަތިވާ ކަމަށެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ކަމަށް ބުނެފައި ވެއެވެ. އަދި މިފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ، ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ޑެންގީގެ ނުރައްކާތެރި އަލާމާތެއް ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިފައެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ މިންވަރު މަދުވުމާއި، ވަރުދެރަވުމާއި، ތުއްތުުކުދިންނަށް ގާތުން ނުބޮވުމާއި، ބަނޑުގައި ރިއްސުމާއި، ގިނަގިނައިން ހޮޑުލުމާއި، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ ކަންކަން ހިމެނެއެވެ.