އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރު ވަމުން އަންނަ ކަަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ތަފާސްހިސާބުތައް ދައްކާގޮތުން މިދުވަސްވަރު ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވަމުންދާތީ ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ޑެންގީ ހުން މިހާރަށްވުރެ އިތުރަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ބުނެފައި ވެއެވެ. އެހެންކަމުން އެ ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމާއި، މަދިރި މަދު ކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް ވަނީ އެދިފައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.