ރާއްޖޭގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާންމުކޮށް ރާއްޖޭގައި ޑެންގޫ ސީޒަން ފެށެނީ އޭޕްރީލް މެއި ހިސާބުގައި ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހުގައި ޑެންގޫގެ ވޭދަނަތައް އިތުރުވި ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކޮންޓްރޯލް ކުރެވުނު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ނަމަވެސް އަނެއްކާ ޑެންގޫގެ ވޭދަނަތައް ރާއްޖޭގައި އިތުރުވާން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒަލާ ވިދާޅުވީ މިދިޔަ ހަފްތާގައި އެކަނިވެސް 72 މީހަކު ޑެންގޫއަށް ފައްސިވެފައިވާ ކަމަށެވެ. އަދި ޑެންގޫ ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެޗްޕީއޭގެ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް އައިމިނަތު އަރޫޝާ ވިދާޅުވީ ގެންޑޫގެ ގިނަ ވޭދަނަތައް ރިޕޯޓްކުރަނީ މާލެ ސަރަހައްދުން ކަމަށެވެ. އަދި ބ. އަތޮޅާއި މ. އަތޮޅާއި ނ. އަތޮޅުގައި ޑެންގޫގެ ވޭދަނަތައް އިތުރުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އާންމުކޮށް ޑެންގޫ ޖެހިގެން ރިޕޯޓް ކުރަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ކަމަށް އަރޫޝާ ވިދާޅުވި އެވެ.

"އަބަދުވެސް އަހަރުގެ ތެރޭގައި އަތޮޅު ތެރެއާއި މާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދޭ. ޑެންގޫ އިތުރުވާކަން ފާހަގަކުރެވޭ ކަމަށް ވާނަމަ ހާއްސަ މަސައްކަތެއް ކުރިއަށް ގެންދަން. ގެންޑޫ ޖެހޭ ވަކި އޭރިޔާއެއް ފާހަގަކުރެވެންޔާ އެ ސަރަހައްދުތައް ވަކިން ސާފުކޮށް މަރިދި އާލާވަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހާ އަޅައި ބަލާއި މާޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މާޗް މަހު 169 މީހަކަށް ޑެންގޫ ހުން ޖެހިފައި ވެއެވެ.

ރާއްޖޭގައި ޑެންގޫގެ އިތުރުން ކޮވިޑް އަދި ވައިރަލް ހުން ވެސް ދަނީ އިތުރުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަމަރީ

    އަދިވެސް ފޮގްކުރުން މަނާކުރޭ.. .

  2. ޑޮކްޓަރ ފާތިމަތު ނިޝާނާ (ހ. ދަނބުރުއް ދަށުގެ)

    ހޮސްޕިޓަލް ތައް ކައިރީ ދުވާލު ދެދަޅަޔަށް ފޮގް ކުރޭ . ހޮސްޕިޓަލްގައި ތިބޭ ޑެންގޫ ބަލިމީހުން ގައިން ލޭ ބޮއެގެން ތިކި ޖެހި މަދިރި ނުކުމެ މުޅި ހިސާބަށް ޑެންގޫ ފަތުރާ ކަން ފާހަގަކުރެވޭ . ޚާއްސަކޮށް އޭޑީކޭ ސަރަޙައްދުގެ ގޭގޭ މީހުންނަށް ކޮންމެ ޑެންގޫ މޫސުމެއްގައި ޑެންގޫ ޖެހޭލެއް ގިނަކަން ފާހަގަ ކުރެވޭ