ގެދޮރުވެރިން ޕޯޓަލް މެދުވެރިކަށް ގޯއްޗަށާއި ފްލެޓަށް ފޯމު ހުށަހަޅާއިރުގައި އިގުރާގު އެޕްރޫވް ކުރުމަށް ސަމާލުވުމަށް ޕްލޭނިން މިނިސްޓްރީއިން އިލްތިމާސް ކޮށްފި އެެވެ.

ޕްލޭނިން މިނިސްޓްރީއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޕޯޓަލް އިން ފޯމު ފުރާފައިވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަން ގައި، ކޯ-އެޕްލިކަންޓުންގެގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓްވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން އެފަރާތުގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލްއަށް ވަދެ އެފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާމެދު އެފަރާތުގެ އިގުރާރު ދިނުމުން ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

އެހެންކަމުން ގެދޮރުވެރިން ޕޯޓަލްއަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިޤުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ"ގެ ތެރެއިން ބޭނުންފުޅުވާ ގޮތެއް ހިޔާރުކުރުމަށް މިނިސްޓްރީއިން އިލްތިމާސް ކުރެ އެވެ.

މިނިސްޓްރީއިން ބުނީ ފޯމު ސަބްމިޓް ކުރެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 ކަމުގައިވާތީ އެވަގުތު ޖެހުމުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުންވެސް ފޯމު ހުށަހެޅިފައިވާކަން ޔަގީން ކުރުމަށެވެ.