ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި މޫސުން ވަނީ ގޯސްވެފައެވެ.

ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ވ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 5:30 އަށެވެ.

މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސް ކޮށްފައެެވެ.